ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހި ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ހާލު ދެރަ މީހަކު އަދި ނެތް ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ މިއަދު މާލެއިން ޕޮޒިޓިވްވި އަށް މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ މީހަކު ހިމެނޭ ކަމަށެވެ.
ނަމަވެސް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސްކަމުގެ މައުލޫމާތެއް ލިބިފައި ނެތް ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް 60 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިއަދު އެކަނި ވެސް އެ ބައްޔަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި ދެ ބިދޭސީންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވި ހަ ދިވެހިންގެ ތެރެއިން ތިން މީހުންނަކީ ފުލޫ ކުލިނިކަށް ދެއްކުމުން ބަލި ޖެހިފައިވާކަން އެނގުނު މީހުން ކަމަށެވެ.
އެމީހުންގެ ތެރޭގައި ބީއެމްއެޗްގައި މަސައްކަތްކުރާ މީހަކާއި ދިވެހި ވިއުގަ ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތްކުރާ މީހަކު ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ދެން ޕޮޒިޓިވްވި ދިވެހިންގެ ތެރޭގައި ހިމެނެނީ ކޭސް 29 އާ ސީދާ ބައްދަލުވެފައިވާ ދެ މީހަކާއި ކޭސް 34އާ ދިމާވެފައިވާ މީހެކެވެ. މިއަދު ހެނދުނު ބައްޔަށް ޕޮޒިޓިވްވި ދެމީހުންނަކީ ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އިހުސާން ފިހާރައިގައި މަސައްކަތްކުރާ ބަންގުލަދޭޝްގެ ދެ މީހެކެވެ.