ކޮވިޑް 19

ކުރީން މައުލޫމާތު ނުދިން މީހާ މިހާރު ވަނީ ވަރަށް ތަފްސީލުކޮށް މައުލޫމާތު ކިޔައިދީފައި: ޑރ. ނަޒްލާ

ކޮވިޑް ޖެހިަފައިވާ މީހުންގެ ތެރެއިން ކުރީން މައުލޫމާތު ނުދިން މީހާ މިހާރު ވަނީ ވަރަށް ތަފްސީލުކޮށް މައުލޫމާތު ކިޔައިދީފައި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ މާލެއިން އެންމެ ފުރަތަމަ ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހާ (ކޭސް 21)އާ ގުޅުންހުރި މީހަކު ސައްހަ މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށް ވިދާޅުވެފައެވެ.

އޭނާގެ ފަރާތުން މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ވެސް ކުރަމުން އަންނަ ކަމަށާއި އެ މައުލޫމާތު ނުދީފިނަމަ އޭނާއާގުޅޭ މައުލޫމާތު ހާމަކުރާނެ ކަމަށް އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވެސް އިއްޔެ ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެންއީއޯސީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، މައުލޫމާތު ދިނުމަށް ދެކޮޅު ހެދި މީހާ މިހާރު ތަފްސީލުކޮށް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ، މިއަދުގެ ހެނދުނާ ހަމައަށް ކޭސް 30 އާގުޅިގެން 454 މީހަކު ކޮންޓެކްޓުގެ ގޮތުގައި ދެނެގަނެވިފައިވާ ކަމަށާއި ކޭސް 37 އަކާއި ކޭސް 49 އަކާ ދެމެދު ހިމެނޭ ބަންގުލަދޭޝް މީހުންނާ އިތުރު 35 މީހަކު ކޮންޓެކްޓް ވެފައިވާކަން ދެނެގަނެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭއިން ޕޮޒިޓިވްވި އިންޑިއާގެ ދެ މީހުން (ކޭސް 50 އަދި ކޭސް 51)އާ ކޮންޓެކްޓު ވެފައިވާ 52 މީހުން ދެނެގަނެވިފައިވާއިރު ކޭސް 52 އާ ކޮންޓެކްޓް ވެފައިވާ 126 މީހަކު ދެނެގަނެވި އެމީހުން އެކަހެރި ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"ޕޮޒިޓިވް ކޭސްތަކާއެކު ގިނަ މީހުން އުޅުނު ކަމުގައިވިޔަސް ގިނަ ހާލަތްތަކުގައި ތިބީ ދަންނަ މީހުން އެމީހުންނާ އެއްކޮށް. އާއިލީ އެކިކަހަލަ ބައްދަލުވުންތަކުގައި ނޫނީ ދަތުރު ދިއުމާ އެކިކަހަލަ މިކަހަލަ ކަންކަމުގައި. އެގޮތަށް ދިޔަ މީހުން ވަނީ އައިޑެންޓިފައި ކުރެވިފައި،" ނަޒްލާ ވިދާޅުވިއެވެ.