މިއަދު ކޮވިޑް19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރޭން ތިން މީހަކީ ފްލޫ ކުލިނިކަށް ދެއްކި މީހުން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިއަދު މާލޭން ފުރަތަމަ ޕޮޒިޓިވް ވި އަށް ކޭސްގެ ތެރެއިން ކޭސް 53، ކޭސް 54 އަދި ކޭސް 58 އަކީ ފްލޫ ކުލިނިކަށް ދެއްކި ތިން މީހުން ކަމަށެވެ.
މީގެ ތެރެއިން ކޭސް 53 އަކީ ދިވެއްސެއް ކަމަށާއި، އޭނާއަކީ ބީއެޗްއެމްގެ ޑެލިވަރީ ސްޓާފެއްގެ ގޮތުގައި މަަސައްކަތްކުރާ މީހެއް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޭސް 54 އާއި 58 ގެ ގައިން ކޮވިޑް 19 ގެ އަލާމާތްތައް ފެނިފައިވަނީ އިއްޔެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިއަދު މާލެއިން ފުރަތަމަ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެހީންނާއި ބަންގްލަދޭޝްގެ ދެ މީހުން ކަމަށެވެ.
އެގޮތުން މިއަދު ފެނުނު ކޭސް 55 އާއި ކޭސް 57 އަކީ އެއްވެސް އަލާމާތެއް ނެތް ދެ މީހުން ކަމަށާއި، އެމީހުން ކޮވިޑް 19 އަށް ޓެސްޓްކުރީ އިއްޔެ ޕޮޒިޓި ވް ވި މީހުންގެ ތެރެއިން ކޭސް 29 އާ ގުޅުން ހުރި ދެމީހުންނަށްވާތީ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޭސް 56 އަކީ ކޭސް 34 ގެ ކޮންޓެކްޓެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޭސް 58 އަކީ އިއްޔެ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ފްލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޭސް 59 އަދި ކޭސް 60 އަކީ ބަންލަދޭޝް ގެ ދެމީހުން ކަމަށެވެ. އެ ދެމީހުންނަކީ އިހުސާން ފިހާރައިގައި މަސައްކަތްކުރާ ދެމީހުން ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި އަށް ކޭސްގެ އިތުރުން ވެސް މިއަދު އިތުރު ހަތް މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑް 19ގެ ތަރުޖަމާނު މަބްރޫކު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންކަމަށެވެ.