ކޮވިޑަށް މިއަދު ޕޮޒިޓިވް ވި ދެމީހެއްގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ ދެ ދިވެހިން ކަމަށްވާ ކޭސް 55 އާއި ކޭސް 57 އަކީ އެއްވެސް އަލާމާތެއް ނެތް ދެ މީހުން ކަމަށެވެ.
އެ ދެމީހުން ކޮވިޑް 19 އަށް ޓެސްޓް ކުރީ އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރެއިން ކޭސް 29 އާ ގުޅުންހުރި ދެމީހުން ކަމަށްވާތީ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ދެމީހުން މިވަގުތު ތިބީ އައިސޮލޭޝަންގައި ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިއަދު މާލެއިން ފުރަމަ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެހީންނާއި ބަންގްލަދޭޝްގެ ދެ މީހުން ކަމަށެވެ.
އެގޮތުން މިއަދު ފެނުނު ކޭސް 53 އަކީ ފްލޫ ކްލިނިކަށް ދިޔަ ދިވެއްސެއް ކަމަށާއި، އޭނާއަކީ ބީއެޗްއެމްގެ ޑެލިވަރީގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި ކޭސް 54 އަކީ ވެސް ފްލޫ ކްލިނިކަށް ދިޔަ ދިވެއްސެއް ކަމަށާއި، އޭނާގެ އަލާމާތްތައް ފެންނަން ފަށާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށާއި، އޭނާއަކީ ދިވެހި ވިއުގައިގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޭސް 56 އަކީ ކޭސް 34 ގެ ކޮންޓެކްޓެއް ކަމަށެވެ. އޭނާ ވެސް މިވަގުތު ހުރީ އައިސޮލޭޝަންގައެވެ. ކޭސް 58 އަކީ އިއްޔެ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ފްލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި އަށް ކޭސްގެ އިތުރުން ވެސް މިއަދު އިތުރު ހަތް މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.
ކޮވިޑް 19ގެ ތަރުޖަމާނު މަބްރޫކު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންކަމަށެވެ.