ކޮވިޑް 19

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ބީއެޗްއެމް އެކެއް، އަދި އިހުސާން ފިހާރައިގެ ދެ މުވައްޒަފުން ހިމެނޭ: ޑރ. ނަޒްލާ

1

ކޮވިޑް19 އަށް މިއަދު ރާއްޖޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ބީއެޗްއެމްގެ މުވައްޒަފަކާއި އިހުސާން ފިހާރައިގެ ދެ މުވައްޒަފުން ހިމެނޭ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވި އަށް މީހުންގެ ތަފުސީލުތައް ހާމަ ކުރައްވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިއަދު ކޮވިޑަށް ޕޮޒިޓިވް ވި ބަންގްލަދޭޝް ދެމީހުންނަކީ އިހުސާން ފިހާރައިގައި މަސައްކަތް ކުރާ ދެމީހުން ކަަމަށެވެ.

ނަމަވެސް އެ ދެމީހުން މަސައްކަތްކުރަނީ ކޮން އިހުސާން ފިހާރައެއްގައި ކަމެއް ވިދާޅެއް ނުވެއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވް ވި ދިވެހިންގެ ތެރެއިން އެކަކު (ކޭސް 53) އަކީ ބީއެޗްއެމްގައި މަސައްކަތްކުރާ މީހެއް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭނާ މަސައްކަތްކުރަމުން އަންނަނީ ޑެލިވަރީގައި ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް 19 އަށް ޕޮޒިޓިވްވެގެން މިއަދު ފެނުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟