ކޮވިޑް 19

ކޮވިޑާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕޮލިސް ކޮމިޝަނަރު ދެއްވައިފި

އިބްރާހިމް ޒަކީ

ކޮވިޑާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕޮލިސް ކޮމިޝަނަރު ދެއްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތަމައުގައި ބިރުވެރިކަމާއި ހާސްކަން އުފެދޭ ގޮތަށް ސައްހަ ނޫން މައުލޫމާތު ފަތުރާ މީހުންނާ މެދު މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ދަނޑިވަޅުގައި ދޮގު މައުލޫމާތު ފަތުރާ މީހުންނާއި، ކޮވިޑް 19 އާ ގުޅިގެން މީހުންނަށް އމާޒުކޮށް ދޮގު ތުހުމަތުކޮށް، ފުރައްސާރަ ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެފަދަ ހުރިހާ ކަމަކުން ދުރުހެލިވެ ތިބުމަށް ކޮމިޝަނަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ސީޕީ ހަމީދު މިގޮތަށް އިންޒާރު ދެއްވި އިރު، ކޮވިޑުގެ ނުރައްކާތެރި މި ހާލަތުގައި މީހުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ދޮގު ހަބަރުތައް ފެތުރުން ދަނީ ވަރަށް ބޮޑަށް އާންމުވަމުންނެވެ.