މިންހާ ފާއިޒް ރަޝާދު
އަފްގާނިސްތާނުގެ ރައީސްގެ ގަނޑުވަރުގައި މަސައްކަތްކުރާ ގިނަ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެގަނޑުވަރުން 20 މީހަކު ޕޮޒިޓިވްވިކަން އަފްގާނިސްތާން ސަރުކާރުން ހާމަކޮށްފައިވަނިކޮށް އިއްޔެ ނިއުޔޯކު ޓައިމްސް އިން ވަނީ ޕޮޒިޓިވް ވި މީހުންގެ އަދަދު 40ހަށް އަރާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އިތުރުވި ކަމަށް ބުނާ މީހުންގެ މައުލޫމާތެއް އަފްގާނު ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ހަމައެހެންމެ ރައީސް އަޝްރަފު ގަނީ ޓެސްޓު ކުރެވިފައިވޭތޯ ނުވަތަ ޕޮޒިޓިވް ކަމެއްވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ.
އުމުރުންފުޅުން 70 އަހަރުގެ ރައީސް އަޝްރަފު ވަނީ 1990ގައި ކެންސަރުގެ އާލާސްކަންފުޅަކާއި ގުޅިގެން ވަރަށް ބޮޑު އޮޕަރޭޝަނެއްވެސް ކުރައްވައިފައެވެ.
"ރައީސްގެ ގަނޑުވަރުން 20ވަރަކަށް މީހަކު ޕޮޒިޓިވް ވީ. ނަމަވެސް އެކަން ސިއްރުކުރަނީ މީހުން ހާސްވާނެތީ" ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް ދިން އިންޓަވިއުގައި ބުންޏެވެ.
އަފްގާނުގެ ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުގައި އެގައުމުގައި ހޮނިހިރު ދުވަހާ ހަމައަށް 933 މީހަކު ޕޮޒިޓިވް ވެފައިވާއިރު 33 މީހަކު ވަނީ މަރުވެފައެވެ. އެ ގައުމުގެ ސިއްހީ ނިޒާމު އެހާ ތަރައްގީވެފައި ނެތުމާއި ގިނަ ބަޔަކު ޓެސްޓު ކުރެވޭނެ ގޮތް ވެސް ނެތުމުން ބަލި ޖެހިފައިވާ އަސް އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ވެއެވެ.