އަފްގާނިސްތާނުގައި ހަމައެކަނި އަންހެނުން ހިންގާ ރޭޑިއޯ ސަސްޕެންޑްކޮށްފިއެވެ.
އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހަމައެކަނި އަންހެނުން ހިންގަމުންގެންދިޔަ ރޭޑިއޯ ސްޓޭޝަން ''ރޭޑިއޯ ބޭގަމް'' ސަސްޕެންޑު ކޮށްފައިވަނީ އެގައުމުގެ ތާލިބާން ސަރުކާރުން އެރޭޑިއޯ ރެއިޑް ކުރުމަށްފަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތާލިބާނުން ވަނީ މިދިޔަ އަންގާރަ ދުވަހު ''ރޭޑިއޯ ބޭގަމް'' ހުންނަ އިމާރާތް ބަލައި ފާސްކޮށްފައެވެ. އެ ސްޓޭޝަނުގައި ބޭނުންކުރާ ކޮމްޕިއުޓަރުތަކާއި ހާޑް ތަކުގެ އިތުރުން ބައެއް ފައިލްތަކާއި އެތަނުގެ މުވައްޒަފުން ބޭނުންކުރާ ފޯނުތައް ވެސް ތާލިބާނުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ތާލިބާނުން ''ރޭޑިއޯ ބޭގަމް''ގައި ހިންގި ރެއިޑަށް ފަހު އެތަނުގައި ހަރަކާތްތެރިވި ދެ ފިރިހެނަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެ ރޭޑިއޯއިން ނެރުނު ބަޔާނެއްގައި ވެއެވެ.
ތާލިބާނުގެ އިންފޮމޭޝަން އެންޑް ކަލްޗަރ މިނިސްޓްރީގެ އޮފިޝަލަކު ވަނީ ''ރޭޑިއޯ ބޭގަމް'' ސަސްޕެންޑު ކޮށްފައިވަނީ އެ ރޭޑިއޯއިން ރޭޑިއޯ ލައިސަންސް ބޭނުންކޮށް ބްރޯޑްކާސްޓިން ޕޮލިސީތަކާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެފައެވެ.
''ރޭޑިއޯ ބޭގަމް'' ރޭޑިއޯ އަކީ އަފްގާނިސްތާނުގައި އަންހެނުންނަށް ހާއްސަކޮށް ޕްރޮގްރާމްތައް ގެނެސްދޭ އަދި ހަމަ އެކަނި އަންހެނުން ހަރަކާތްތެރިވާ ރޭޑިއޯއެކެވެ. ''ރޭޑިއޯ ބޭގަމް''އިން މައިގަނޑުގޮތެއްގައި ގެނެސްދެނީ އަންހެނުންނާ ގުޅޭ ތައުލީމީ ޕްރޮގްރާމްތައް ކަމަށް އޮފިޝަލުން ބުނެއެވެ.