ކުއްލި ޚަބަރު

ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ރާއްޖެއިން ފުރާނީ ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ 70 މީހަކާއެކު

1

ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން މާދަމާ ރާއްޖެއަށް އަންނަ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ފުރާއިރު، އެ މަތިންދާބޯޓުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ އެގައުމަށް ގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިކަމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭ.ކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން ލިބިވަޑައިގަތް އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިއުމަށް، ބަންގުލަދޭޝްގެ ސަރުކާރުގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެގައުމުގެ ފޮރިން މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ. މިދިޔަ ދެ ހަފްތާގެ ތެރޭގައި މިނިސްޓަރު ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފައެވެ.

މާދާމާ އަންނަ ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓުގައި އެގައުމުގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިންގެ އިތުރުން ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް އަންނަ ދިހަ މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއްވެސް އަންނާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟