އަލީ ޔާމިން
ބަލި ޖެހޭ މީހާ ވަކި ގައުމަކަށް ނިސްބަތްވީތީ އެމީހާއާ މެދު ދެރަކޮށް މުއާމަލާތް ނުކުރެއްވުމަށް ޑރ. ނަޒްލާ ރަފީގު އިލްތިމާސްކުރައްވައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ބަންގްލަދޭޝް މީހުންނަށް ނިސްބަތްކޮށް "ބަންގާޅުން"ނޭ ބުނުމުން އެކަމަށް ރައްދު ދެއްވައި ޑރ. ނަޒްލާ ވިދާޅުވީ، އެންމެންނަކީވެސް އިންސާނުން ކަމަށާއި، އެހެންކަމުން އެފަރާތްތަކަށް މުހާތަބުކުރާއިރު އިހްތިރާމާއެކު މުހާތަބުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސުވާލު ކުރާއިރުވެސް އަޅުގަނޑުމެން އެންމެންނަކީވެސް އިންސާނުން. އެހެންވީމާ އެމީހުންނަށް ދޭން ޖެހޭ ރެސްޕެކްޓާއެއްކޮށްހެން އަޅުގަނޑުމެންގެ ބަހުރުވަ ހުންނަން ޖެހޭނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލާޒިމްކުރަނީ ރާއްޖޭގައި އުޅޭ އެންމެންގެ ސިއްހަތު ރައްކާތެރިކުރުން ކަމަށާއި އެހެންކަމުން ބިދޭސީއަކަސް ދިވެއްސަކަށް ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގައި ތަފާތުކުރުމެއް ނުބަހައްޓާނެ ކަމަށެވެ. އަދި ބަލި ޖެހޭ މީހާއަކީ ވަކި ގައުމަކަށް ނިސްބަތްވާ މީހަކަށް ވީތީ އެމީހާއާ މެދު ދެރަކޮށް މުހާތަބު ނުކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކޮށްފައެވެ.
"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ކީއްވެ ކަމެއް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ވިސްނުން މިހުންނަނީ ބޭރު މީހަކަށް ޖެހިއްޖެއްޔާ އަދި ވަކި ހާއްސަ ގައުމަކުން އައިސްފައި ތިބި މީހުންނަށް ޖެހިއްޖެއްޔާ ދިވެހިންނަށް ޖެހޭނެއޭ. ދިވެހިންގެ ތެރޭގައި ބަލި ފެތުރޭނެއޭ. ފުރަތަމަ ބަލި ފެތުރުނީވެސް ދިވެއްސެއްގެ ފަރާތުން ނޫންތޯ؟" ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފަރާތުން ގިނަ އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށާއި އެގޮތުން ސިއްހީ ދާއިރާގައިވެސް އެމީހުންގެ ދައުރު ބޮޑު ކަމަށެވެ.