އަލީ ޔާމިން
އާބާދީގެ ނިސްބަތުން ބަލާއިރު ސިންގަޕޫރެކޭ އެއްވަރަށް ރާއްޖޭގައި ޓެސްޓުކުރެވިފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހުރީ 3500 ޓެސްޓް ކިޓް ކަމަށެވެ. އަދި ރާއްޖެއަށް ޓެސްޓްކިޓް ލިބުން ލަސްވަނީ ދުނިޔޭގެ ގައުމުތަކުގައިވެސް އެ އުފެއްދާ މިންވަރު މަދުވުމުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މިހާތަނަށް ރާއްޖެއިން 4،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ޓެސްޓް ކުރުމުގެ ރޭޓު އާބާދީގެ ނިސްބަތުން ބަލާނަމަ ރާއްޖެ އުޅެނީ ސިންގަޕޫރާ އެއްވަރަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ޓެސްޓް ކިޓްގެ އަދަދު ޓެސްޓް ކިޓް ލިބޭ ވަރު މިއުޅެނީ މަދުވެގެން. އަދި ޓެސްޓް ކިޓް އުފައްދާ ގައުމުތަކުންވެސް އެއުޅެނީ އެބޭފުޅުންނަށް ބޭނުންވާ އަދަދަށް ބައެއް ގައުމުތަަކަށް ޓެސްޓް ކިޓް ނުއުފެއްދިގެން. އަޅުގަނޑު ހަމަ ބުނެލަން ބޭނުން. ރާއްޖޭގައި މިހާރު ޓެސްޓް ހެދިފައި މިތިބީ މިސާލަކަށް ދުނިޔޭގައި އަޅުވާ ކިޔާނަމަ އާބާދީގެ ނިސްބަތުން ބަލަންޏާ ސިންގަޕޫރެކޭ ރާއްޖެއެކޭ ޓެސްޓް ކުރި ވަރު ގާތްގަނޑަކަށް މިހުރީ އެއްވަރަކަށް،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ކޮވިޑަށް ޝައްކު ކުރެވޭ މީހުންނާއި، ޓެސްޓްކުރަން ޖެހޭ މީހުންނަށް ކިޓް ނެތިގެން ޓެސްޓް ނުކުރެވޭނެ ހާލަތަކަށް ރާއްޖެ ނުގެންދިއުމަށް ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެނަމަ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެ ހުރިހާ ފަރާތްތަކަށް ފަރުވާ ދެވޭނެ ވަސީލަތްތައް ނެތް ކަމަށާއި އެހެންކަމުން މި ދުވަސްވަރު ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ.