ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އަށް 4014 ޓެސްޓު ހަދާފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެއްވެސް ގައުމަކުން ހިލޭ ޓެސްޓްކިޓް ލިބެން ދެން ސަރުކާރުން މަޑުނުކުރާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ޓެސްޓް ކިޓް ގެނެވެން ހުރި ގޮތަކުން ގެނައުން ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ހުރީ 3،500 ޓެސްޓް ކިޓް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ރާއްޖޭގައި މިހާތަނަށް 4014 ޓެސްޓެއް މިއޮތީ ހެދިފައި، އަދި 3500 ޓެސްޓް ކިޓް މިވަގުތު ސްޓޮކްގައި އެބަހުރި. މިހާރުވެސް ބެލެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މާކެޓް ކޮމްޕެޓިޓިވް އަގެއްގައި ޓެސްޓް ކިޓާއި އެނޫންވެސް ސިއްހީ ތަކެތި ގެނެސްދީފިނަމަ ސަރުކާރުން އެތަކެތި ގަންނާނެ ކަމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިއްހީ ތަކެތި ފޯރުކޮށްދޭ ތަންތަނަށް އަންގާފައިވާނެ ކަމަށެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ޓެސްޓް ކިޓް ލިބުުގައި ދަތިތަކެއް އުޅޭ ކަމަށާއި، ނަމަވެސް ސަރުކާރުގެ އަމާޒަކީ ޓެސްޓް ކިޓް ނެތިގެން ރާއްޖެއިން ކޮވިޑަށް ޝައްކުވާ މީހުންގެ ސާމްޕަލް ނުނެގޭ ހާލަތަކަށް ރާއްޖެ ނުގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.