އަލީ ޔާމިން
ގައިންގަޔަށް، ހާއްސަކޮށް ނޭވާލާ ނިޒާމުން އަރާ ބަލި އެއްވެސް ބަޔަކަށް 100 ޕަސެންޓު ކޮންޓްރޯލު ނުކުރެވޭނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް 19 އަކީ ދުނިޔެއަށް މުޅިން އާ ބައްޔެއް ކަމަށެވެ. އަދި އެއީ އަލާމާތްތައް ނުފެނިވެސް ފެތުރޭ ބައްޔެއް ކަމަށާއި އެހެންކަމުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ބަލި އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މި ބަލި މިހާރު ދުނިޔޭގެ 180 ގައުމަކަށް ފެތުރިފައިވާއިރުގައި އެއިން އެއްވެސް ގައުމަކަށް ނެތް މި ބަލި އެރުން ހުއްޓުވިފައެއް. ގާތްގަނޑަކަށް މިހާރުވެސް އަތުން ގުނާލެވޭނެ ކަންނޭނގެ ބަލި ޖެހިފައިވާ މީހެއް ނުފެންނަ ގައުމުތައް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ނޭވާލާ ނިޒާމުގެ ޒަރީއާއިން އަރާ ބަލިތައް އެއްވެސް ބަޔަކަށް 100 އިންސައްތައަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.
"ގައިންގައިން އަރާ ބައްޔަކީ 100 ޕަސަންޓަށް އެއްވެސް ބަޔަކަށް ކޮންޓްރޯލް ކުރެވި އެއްވެސް ބަޔަކަށް ހުއްޓުވޭ ބައްޔެއް ނޫން އެއަކީ. އެހެންކަމުން ހާއްސަކޮށް އަދި ނޭވާލާ ނިޒާމުގެ ޒަރީއާއިން އަރާ ބަލިތަކަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ބަލިތައް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ޒަރޫރީ ކަމަކަށް ގެއިން ނުކުންނައިރުވެސް އިޖުތިމާއީ ގައިދުރުކުރުން ބަހެއްޓުމަށް އިލްތިމާސްކުރާ ކަމަށާއި އަދި މިވަގުތު މުހިންމީ އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުން ކަމަށެވެ.