ކުއްލި ޚަބަރު

ފެސިލިޓީތަކުގައި 2000 އެެނދު، އެތަންތަނުގައި ފަރުވާދެވޭވަރަށް ސިއްހީ ހިދުމަތްތެރީން އެބަަތިބި

އަލީ ޔާމިން

ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީތަކުގައި 2000 އެެނދު ކަމަށާއި އެތަންތަނުގައި ފަރުވާދެވޭވަރަށް ސިއްހީ ހިދުމަތްތެރީން އެބަތިބި ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ދުނިޔޭގެ ނަންބަރުތަކަށް ބަލާއިރު ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހެނީ 20 އިންސައްތަ މީހުން ކަމަށާއި އޭގެ ތެރެއިން އައިސީޔޫގައި ފަރުވާ ދޭން ޖެހެނީ ކުޑަ އަދަދެއް ކަމަށެވެ. ބާކީ ހުރި 80 އިންސައްތަ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ފެންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާއިރު ކަރަންޓީން ފެސިލިޓީތަކުގެ އަދަދު އަދި އައިސީޔޫ އެނދުގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުނ މިވަގުތު ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީތަކުގައި 2000 އެެނދު ކަމަށާއި އެތަންތަނުގައި ފަރުވާދެވޭވަރަށް ސިއްހީ ހިދުމަތްތެރީން އެބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިހާރު ކަރަންޓީން ނުވަަތަ އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި 2000 އަށް ވުރެ ގިނަ ކޮޓަރި އަޅުގަނޑުމެން އަތުގައި ހުންނާނެ. އެއިން ކޮންމެ ފެސިލިޓީއެއްގައި އަޅުގަނޑުމެން މިކިޔާ 14 ފެސިލިޓީއިން ކޮންމެ ފެސިލިޓީވެސް އެތަނެއްގައި ޑޮކްޓަރުންނާއި ނަރުހުން އެތާނގައި ތިބޭވަރަށް ހުރި ތަންތަން،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހުރީ 76 އައިސީޔޫ އެނދު ކަމަށާއި ނަމަވެސް އިތުރު އައިސީޔޫ އެނދުތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި ގާއިމު ކުރާ ކަރަންޓީން ފެސިލިޓީގައި 300 އައިސީޔޫ އެނދު ގާއިމު ކުރުމުގެ އިތުރުން ރާއްޖެ ފަސް ރީޖަނަކަށް ބަހާލައި ކޮންމެ ރީޖަނެއްގައި މަދުވެގެން 20 އައިސީޔޫ އެނދު ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.