ކުއްލި ޚަބަރު

މިހާރު ރާއްޖޭގައި ތިބީ 1000 މީހަކަށް ދެ ޑޮކްޓަރުން، ހަތް ނަރުހުން: މަބްރޫކް

އަލީ ޔާމިން

މިހާރު ރާއްޖޭގައި ތިބީ 1000 މީހަކަށް ދެ ޑޮކްޓަރުންނާއި ހަތް ނަރުހުން ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި މިވަގުތިު ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުން ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން އަންނަ މެޑިކަލް ކިޔަވާ ކުދިންނާއެކު އެ އަދަދު އިތުރު ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ ގެނެވޭ ކިޔަވަން ބޭރުގެ ގައުމުތަކުގައި، ބަންގްލަދޭޝުން ނޭޕާލުން ކިޔަވަން ތިބި ކުދިން. އެކުދިން 14 ދުވަހުގެ ކަރަންޓީންގެ ޕީރިއަޑް ނިންމުމަށްފަހު ގުޅޭނެ ހަމަ މެޑިކަލް ޓީމުތަކާ، އަދި ހަމަ އެކުދިންނަށް ބޭނުންވާ އިތުރު ތަމްރީން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާނެ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިހާރު ރާއްޖޭގައި ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދާ އަދަދުތަކަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި ޑޮކްޓަރުންނާއި ނަރުހުންގެ ޝޯޓޭޖެއް އުޅޭނެ ކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގައި ތިބީ ކޮންމެ 1000 މީހަކަށް ދެ ޑޮކްޓަރުންކަން ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި މިހާރު ހުރި ނަންބަރުތަކަށް ބަލާއިރު، ކޮންމެ 1000 މީހަކަށް ދެ ޑޮކްޓަރުން ވަރު ތިބީ އަދި، ކޮންމެ 1000 މީހަކަށް ހަތް ނަރުހުންވަރު އަޅުގަނޑުމެންގެ މިވަގުތު މަސައްކަތް ކުރަމުންދާ ވޯކް ފޯސްއަށް ބަލާއިރު މިއޮތީ،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ލޮކްޑައުންއަށް ފުރިހަމައަަށް އަމަލު ކުރެވިއްޖެނަމަ ބަލި ޖެހޭ މީހުންގެ އަދަދު ރާއްޖޭގެ ސިއްހީ ނިޒާމަށް ކަތާވަރަށް މަދުކުރެވިގެންދާނެ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައި، ކޮންމެ ސަރަހައްދެއްގައިވެސް އައިސީޔޫ 20 އެނދު އަދި 37 ނުވަތަ 40 ކަރަންޓީން ކޮޓަރި ގާއިމުކުރުމަށެވެ.