ހއ. އުލިގަމު، ހއ. އިހަވަންދޫ، ހއ. ތަކަންދޫ، ހއ. ތުރާކުނު، ހއ. ހޯރަފުށި، ހދ. ހިރިމަރަދޫ އަދި ހދ. ވައިކަރަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ޖުމްލަ ހަތް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
"ރާއްޖޭގެ ހަތް ރަށެއް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި. މީގައި މި ހިމެނެނީ. ހއ. އުލިގަމު، ހއ. އިހަވަންދޫ، ހއ. ތަކަންދޫ، ހއ. ތުރާކުނު، ހއ. ހޯރަފުށި، ހދ. ހިރިމަރަދޫ އަދި ހދ. ވައިކަރަދޫ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެ ރަށްރަށުގެ އިތުރުން ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓު ކޮންސްޓްރަކްޝަން ސައިޓު އަދި މޯލްޑިވިއާނާ ސަފާރީ އަދިވެސް މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 52 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 31 ކޭސްއެއް މާލެއިން ފެނިފައިވާ އިރު، ހއ. އުލިގަމުން ވެސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް ޕޮޒިޓިވްވި މީހުންގެ އަދަދު 17އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 16 މީހަކާއި އުލިގަމުން ޕޮޒިޓިވްވި މީހާ ހިމެނެއެވެ.