ބަލިޖެހޭ މީހުންގެ ފޮޓޯކަމަށް ބުނެ ފޮޓޯ އާންމުކުރާ މީހުންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލި މީހުންގެ މައުލޫމާތު ހާމަކުރުމުގެ ބާރު ލިބެނީ ހަމައެކަނި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ކަމަށެވެ.
"އަޅުގަނޑުމެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ގަވައިދެއް ހަދައިގެން އޭގެ ދަށުން އަޅުގަނޑުމެންނަށް ވެސް ބަލި މީހާގެ މައުލޫމާތު ހާމަކުރެވެނީ. އެހެންވީމާ މި ގާނޫނުގެ ދަށުން، މި ގަވައިދުގެ ދަށުން މީހުންގެ މައުލޫމާތު ހާމަކުރުމުގެ ބާރު ލިބެނީ ހަމައެކަނި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް. އެހެން މީހުން އެކަން ކޮށްފިއްޔާ އެކުރަނީ ކުށެއް. އެހެންވީމާ އެކަން އަޅުގަނޑުމެންނަށް ފެންނަ ނަމަ އަޅުގަނޑުމެން ޕޮލިހަށް ވެސް ރިޕޯޓުކުރަމުން ގެންދާނަން،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ މީހާ ކަމަށް ބުނެ ނުބައި މީހާގެ ފޮޓޯ ވެސް އާންމުކުރާތަން ފެންނަ ކަމަށާއި ބަލި ޖެހޭ މީހުންގެ ވެސް ފޮޓޯ އާންމު ކުރުމަކީ، އަދި އެހެނިހެން ޒާތީ މައުލޫމާތު ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދިވެސް އެބަ ފެނޭ ކޭސްތަކުގެ ފޮޓޯ. ނޫނީ ކޭސް ކަމަށް ހީވާ މީހާގެ ފޮޓޯ އާންމުކުރާ ތަން. އެބަހުރި ކޭސް ނޫން މީހެއްގެ، ބަލި ނުޖެހޭ މީހެއްގެ ފޮޓޯ ވެސް މިގޮތަށް އާންމުކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިްވީއޭ ކިޔާފައި ފޭސްބުކުގައި އެއްވެސް މީހަކު އެމީހެއްގެ ފޮޓޯ ނުވަތަ އެމީހެއްގެ ފޮޓޯ އާންމުކުރަން ބޭނުންނުވާނެ ކަމަށާއި އާންމުކުރާ މީހާގެ ފޮޓޯއަކީ ރަނގަޅު މީހާގެ ފޮޓޯ ނޫން ކަމަށް ވެސް ވެދާނެ ކަމަށެވެ.