ކުއްލި ޚަބަރު

ބަލިމީހާގެ މައުލޫމާތު މީސްމީޑިއާގައި އާންމުނުކުރައްވާ، މިހާރުވެސް ނުބައިމީހުންގެ ފޮޓޯ އާންމުކޮށްފައި އެބަހުރި

ބަލިމީހާގެ މައުލޫމާތު މީސްމީޑިއާގައި އާންމުނުކުރައްވާ، މިހާރުވެސް ނުބައިމީހުންގެ ފޮޓޯ އާންމުކޮށްފައި އެބަހުރި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ މީހާ ކަމަށް ބުނެ ނުބައި މީހާގެ ފޮޓޯ ވެސް އާންމުކުރާތަން ފެންނަ ކަމަށާއި ބަލި ޖެހޭ މީހުންގެ ވެސް ފޮޓޯ އާންމު ކުރުމަކީ، އަދި އެހެނިހެން ޒާތީ މައުލޫމާތު ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދިވެސް އެބަ ފެނޭ ކޭސްތަކުގެ ފޮޓޯ. ނޫނީ ކޭސް ކަމަށް ހީވާ މީހާގެ ފޮޓޯ އާންމުކުރާ ތަން. އެބަހުރި ކޭސް ނޫން މީހެއްގެ، ބަލި ނުޖެހޭ މީހެއްގެ ފޮޓޯ ވެސް މިގޮތަށް އާންމުކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިްވީއޭ ކިޔާފައި ފޭސްބުކުގައި އެއްވެސް މީހަކު އެމީހެއްގެ ފޮޓޯ ނުވަތަ އެމީހެއްގެ ފޮޓޯ އާންމުކުރަން ބޭނުންނުވާނެ ކަމަށާއި އާންމުކުރާ މީހާގެ ފޮޓޯއަކީ ރަނގަޅު މީހާގެ ފޮޓޯ ނޫން ކަމަށް ވެސް ވެދާނެ ކަމަށެވެ.