އެއް ބިލްޑިންގުގައި ވަކީން އުޅޭ އާއިލާގެ މީހުން ކައިރިޔަށް ވެސް މިދުވަސްވަރު ރަނގަޅީ ނުދިއުން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ތިބި އިރުގައިވެސް ސީދާ މަގުމައްޗަށް ނުނުކުތަސް އިތުރު މީހުންނާ ދިމާވެދާނެ ކަމަށެވެ.
"މިސާލަކަށް އެއް ބިލްޑިންގައި އުޅޭ މީހުންވެސް. އެއް ގެއެއްގެ އެއް އާއިލާއެއްގެ މީހުން ވެސް އެއް އެޕާޓްމަންޓުގައި އުޅޭއިރު އެކަކު އަނެކަކާ ވީހާވެސް ބައްދަލުނުވުމަށް،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެމީހުންގެ ގިނަ ކޮންޓެކްޓުން މިހާރު ހޯދިފައިވާ ކަމަށާއި މިހާރުވެސް އެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ކޭސް 35އާ ގުޅިގެން މިހާރު 45 ކޮންޓެކްޓް ހޯދިފައި. ކޭސް 36 އާއެކު މިވަގުތު ހަތަރު މީހަކު އެބަތިބި. އޭގެ އިތުރުން ވެސް ގާތްގަނޑަކަށް 200 އެއްހާ މީހުން ބޮޑަށް ބަލައި ތަފުސީލު ހޯދަން ޖެހޭ. 37 އާއި 49، މި ހިމެނޭ 13 ކޭސްގެ 68 ކޮންޓެކްޓެއް މިހާތަނަށް ހޯދިފައިވޭ. މި ކޮންޓެކްޓުންގެ ތެރޭގައި އަޅުގަނޑުމެން ނުގުނަން މި ކްލަސްޓާއާ ގުޅިގެން ކުރިން ހޯދިފައި ހުރި ކޮންޓެކްޓްސްތަކެއް. އޭގެ ތެރެއިން ވަރަށް ގިނަ މީހުން މިހާރުވެސް ވާނީ އައިސޮލޭޝަނުގައި. ކޭސް 50 އަދި 51އާ ގުޅިގެން މިހާތަނަށް 50 ކޮންޓެކްޓެއް ވަނީ އައިޑެންޓިފައި ކުރެވިފައި. އަދި 52 ވަނަ ކޭސް ކޮންފާމްވީ އިރުގައި އަޅުގަނޑުމެންނަށް 131 ކޮންޓެކްޓުން ވަނީ ހޯދިފައި." އޭނާ ވިދާޅުވިއެވެ.