ކުއްލި ޚަބަރު

ޖުމްލަ 468 ކޮންޓެކްޓެއް ވަނީ ހޯދިފައި، އެމީހުންގެ ތެރެއިން 242 މީހެއްގެ ސާމްޕަލެއް ވަނީ ނެގިފައި

ޕޮޒިޓިވްވެފައިވާ މީހުންގެ 468 ކޮންޓެކްޓެއް ހޯދިފައިވާ ކަމަށާއި އެމީހުންގެ ތެރެއިން 242 މީހެއްގެ ސާމްޕަލެއް ނެގިފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އެ 468 މީހުންނަކީ ޕޮޒިޓިވްވެފައިވާ ހަތް ކޭސްއަކާ ގުޅުން ހުރި މީހުން ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސް އާއި މީޑިއަމް ރިސްކު ކޮންޓެކްޓްސް ހިމެނޭ ކަމަށެވެ.

"ގިނަ އަދަދެއްގެ ކޮންޓެކްޓްތަކެއް މިހާރު ވަނީ ފާހަގަކުރެވިފައި. މިރޭގެ 7:00އާ ހަމައަށް 468 ކޮންޓެކްޓެއް ވަނީ ހޯދިފައި. މި މީހުންގެ ތެރެއިން 242 މީހެއްގެ ސާމްޕަލް މިހާތަނަށް ވަނީ ނެގިފައި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި 133 ގެއާއި އެޕާޓްމަންޓު ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 52 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 31 ކޭސްއެއް މާލެއިން ފެނިފައިވާ އިރު، ހއ. އުލިގަމުން ވެސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް ޕޮޒިޓިވްވި މީހުންގެ އަދަދު 17އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 16 މީހަކާއި އުލިގަމުން ޕޮޒިޓިވްވި މީހާ ހިމެނެއެވެ.