މިހާރު ބަލި މީހުން މި ފެންނަނީ ހީކުރި ވަރަށްވުރެ މާގިނައިން ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ކުރަމުން އައި މަސައްކަތްތަކުގައި އަޅުގަނޑުމެން އުންމީދުކުރި ހިސާބަށް ވުރެ މާގިނައިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިއަދާ ހަމައަށް މިވަނީ ފެނިފައި. އަޅުގަނޑުމެންގެ އުންމީދަކީ އަނެއްކާވެސް މިއައި ލޮކްޑައުންއާއެކީގައި މީހުން އެކަކު އަނެކަކާ ބައްދަލުވާވަރު މަދުވުމުގެ ސަބަބުން އިތުރަށް ކުރިއަށްއޮތް ދުވަސްތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މާލެއިން ޕޮޒިޓިވްވެފައިވާ ގިނަ މީހުން ލޮކްޑައުންއަށް ދިއުމުގެ ކުރިން ޕޮޒިޓިވްވެފައިވާ މީހުން ކަމަށް ބެލެވޭ ކަމަށާއި ބޭނުންވަނީ ދުވަހުން ދުވަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކޮށް، ކުރީގެ ހާލަތަށް ދާން ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 52 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 31 ކޭސްއެއް މާލެއިން ފެނިފައިވާ އިރު، ހއ. އުލިގަމުން ވެސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް ޕޮޒިޓިވްވި މީހުންގެ އަދަދު 17އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 16 މީހަކާއި އުލިގަމުން ޕޮޒިޓިވްވި މީހާ ހިމެނެއެވެ.