ޒަރޫރީ ބޭނުންތަކަށް ހުއްދަ ދިނުމުން ފިހާރަތަކަށް ދެވޭނީ ފައިމަގުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮފަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ފިހާރަތަކަށް ދާން ލިބޭ އެއް ގަޑިއިރުގެ ވަގުތުގައި ދުއްވާ އެއްޗެހީގައި ނޫޅެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިދޭ ހުއްދައަކީ، ފިހާރައަށް ދާން މިދޭ އެއް ގަޑިއިރުގެ ވަގުތަކީ ސައިކަލުގައި ނޫނީ ދުއްވާ އެއްޗެހީގައި ދާން ދޭ ހުއްދައެއް ނޫން. އެތަންތަނަށް ވަޑައިގަންނަވަންވާނީ ފައިމަގުގައި،" އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ވިޔަފާރިކުރަން ހުއްދަ ދޭ ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކު ނުހުންނާނެ ކަމަށާއި ހުއްދަ ލިބޭ މީހުން އަމިއްލައަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސާމަލުވެ ގައިދުރުކަން ކަށަވަރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ހަމައެއާއެކު ފިހާރަތަކުގައި ތިއްބަވާ ބޭފުޅުން ވެސް ފިހާރަތަކަށް ވަންނަ މީހުންގެ އަދަދާއި ފިހާރަ ތެރޭގައި އުޅޭ އުޅުމުގައި އަޅުގަނޑުމެން މި ބޭނުންވާ ދުރުމިން ބަހައްޓަމުން ގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އަދި އެކަމުގައި ފުލުހުން ވެސް އެހީތެރިވާނެ. އަޅުގަނޑުމެން ފާހަގަކުރި 26 ޒޯނުގެ ތެރޭގައި 50 އަށްވުރެ ގިނަ އަދަދެއްގެ ފުލުހުން އަބަދުވެސް ހަރަކާތްތެރިވަމުންދާނެ މިކަމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި ޒަރޫރީ ހިދުމަތެއް ހޯދުމަށް ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ކޮންމެ ތިން ދުވަހަކުން އެއް ދުވަހު މާލޭގެ ކޮންމެ ގެއަކުން ވެސް އެކަކަށް ބޭރަށް ނުކުތުމަށް އެއްގަޑިއިރު ދޭން ވަނީ ނިންމައިފައެވެ. ފުލުހުންގެ ފަރާތުން ނަގާ ހުއްދަ ދޫކުރާއިރު ދެވޭނީ ވަކި ސަރަހައްދަކަށެވެ.