ބިދޭސީން މަގުމައްޗަށް ނުކުމެ އުޅުން ހުއްޓުވުމަށް ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮފަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ބިދޭސީންނާ ގުޅޭގޮތުން ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި ބައެއް ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އުޅޭ ތަންތަން އެބަހުރި ކަމަށެވެ. އަދި މިއަދުގެ ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އެކަންކަމާ ގުޅިގެން އަޅުގަނޑުމެން މިހާރު މި ވިސްނަމުންދާ ގޮތަކީ އެ ސަރަހައްދުތަކަކީ ވަކި ގޮތަކަށް، މިހާރު މިއޮތް ވަރަށްވުރެ އިތުރު ކޮންޓްރޯލް މެޝާސްތަކެއް ލާފައި، އަދި އެތަންތަނަކީ ކާއެއްޗެހި ކޮންމެވެސް ސިސްޓަމެއްގެ ތެރެއިން ޑެލިވާކުރެވޭނެ ގޮތް ހެދުމަށް. އޭގެ ބޭނުމަކީ ބިދޭސީންތައް މަގުމައްޗަށް ނުނުކުމެވޭ ގޮތް ހެދުން. އެ ފަރާތްތަކާ ކޮންޓެކްޓްވާ މީހުންގެ އަދަދު ވެސް މަދުކުރުން. ދެވަނަ ކަމަކަށް މަގުމަތިން ދިމާވާ ގިނަ ބިދޭސީންނަކީ އެކަށީގެންވާ އައިޑީއެއް ނެތް މީހުން. ހަމައެކަނި ބުނެލާ ނަމެއް މިއޮތީ. އެމީހުންގެ އައިޑެންޓިފިކޭޝަނަށް މަސައްކަތްކުރާނެ އެހާ ވަގުތު ނެތީމަ ސަރުކާރުގެ ތެރެއިން މިދަނީ މަސައްކަތްތަކެއް ކުރެވެމުން އެފަދަ ފަރާތްތައް އަނެއްކާވެސް މަގުމައްޗަށް ދޫކޮށްނުލައި، އެކަށީގެންވާ ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް،" އޭނާ ވިދާޅުވިއެވެ.
ފައިރޫޝް ވިދާޅުވީ ބައެއް ބިދޭސީން މިސްކިތްތަކުން ލިބެން ހުންނަ ފެން ބޭނުންކޮށްލައިގެން ސާފުވުމާއި މިސްކިތުގެ ތެރޭގައި ނިދުން ފަދަ ކަންކަން ކޮންމެވެސް ވަރަށް ހިނގަމުންދާކަން ފާހަގަކުރެވޭ ކަމަށާއި ކުރިއަށްއޮތް ތަނުގައި މިސްކިތްތަކުން ފެން ލިބެން ނުހުންނާނެ ކަމަށެވެ.
"މީގެ އިތުރުން ވެސް ފާހަގަވޭ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތައް މިސްކިތްތަކުގެ ބޭނުން، މިސްކިތުން ލިބެން ހުންނަ ފެން ބޭނުންކޮށްލައިގެން ސާފުވުމާއި އަދި މިސްކިތުގެ ތެރޭގައި ނިދުމާއި މިކަހަލަ ބައިތައް ކޮންމެވެސް ވަރަކަށް ހިނގަމުންދާކަން. މިއޮތީ ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި. އެހެންނަމަވެސް މިސްކިތަށް އެރުން އެއްވެސް ވަރަކަށް ހުއްޓާލެވިފައެއް ނެތް މިއަދާ ހަމައަށް ވެސް. އެހެންނަމަވެސް ކުރިއަށްއޮތް ތަނުގައި މިސްކިތްތަކުން ފެން ލިބޭކަށް ނުހުންނާނެ. އޭގެ އިތުރުން މިސްކިތްތަކަކީ އެހެން ބޭނުންތަކަށް ވެސް ވަންނަ ތަނެއް ނޫން ގޮތުގައި ހަމަޖައްސަން،" އޭނާ ވިދާޅުވިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ލިލީ އެންޓަޕްރައިޒަސްގައި މަސައްކަތްކުރާ ބަންގުލަދޭޝްގެ 13 މީހަކާއި ބްރައިޓް ބްރަދާސްގައި މަސައްކަތްކުރާ އިންޑިއާގެ ދެ މީހަކު ހިމެނެއެވެ. ބަންގުލަދޭޝްގެ 13 މީހުންނަކީ އެއް ތަނެއްގައި ދިރިއުޅޭ 13 މީހުންނެވެ.