ޝަހީދާ އަބްދުﷲ ސައީދު
ސިފައިން ކުއްލި ހާލަތަށް ގެނެސް، ފުލުހުންނާއި ސިފައިން ގުޅިގެން މާލެއިން ފެން ހިންދަން ނުކުމެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މާލެއަށް މިއަދު ކުރަމުންދާ ވިއްސާރައިގައި އާދަޔާ ޚިލާފަށް ފެންބޮޑުވެފައިވާތީ ސިފައިން ކުއްލި ހާލަތަށް ގެނެސް ފުލުހުންނާއި ގުޅިގެން ފެންހިންދުމުގެ މަސައްކަތަށް ކުރަމުންދާ ކަމަށެވެ.
މާލޭގެ މަގުތަކުން މިހާރު ވެސް ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު އެކި ސަރަހައްދުތަކުގައި ވަނީ ޕަންޕު ބަހައްޓާފައެވެ.
އެގޮތުން 14 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަހައްދު ކަމަށްވާ އަމީނީ މަގާއި އައިޖީއެމްއެޗް ސަރަހައްދުގައި ގިނަ ޕަންޕުތައް ބަހައްޓާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނީ ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ގަޑިއެެއްހާ އިރުގެ ތެރޭގައި މަގުމަތީ ހިނގާލެވޭ ވަރުވާނެ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިޒާސްޓަރ މެނޭމެންޓް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ދެ ގެއަކުން މީހުން ބަދަލުކުރަންޖެހިފައިވާ ކަމަށެވެ. އަދި އެމީހުންނަށް ސިފައިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޑިޒާސްޓަރ މެނޭމެންޓް ސެންޓަރުން ވަނީ ކާޑުގެ ބާވަތްތަކާއި ހިފައިގެންގުޅޭ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.
މިއަދު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން ހައްދުންމައްޗާއި އައްޑޫ ސިޓީއަށް ވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވާ ކަމަށް ޑިޒާސްޓަރއިން ވަނީ ބުނެފައެވެ.