ކުއްލި ޚަބަރު

ބޭރަށް ނުކުތުމަށް ދޭ ހުއްދައާއެކު ކާކުކަން އަންގައިދޭ ލިޔުމެއް ހިިފައިގެން އުޅުމަށް އިލްތިމާސްކޮށްފި

އަލީ ޔާމިން

ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޭ ހުއްދައާއެކު ކާކުކަން އަންގައިދޭ ލިޔުމެއް ހިިފައިގެން އުޅުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނައިރު ބޭރަށް ނުކުތުމަށް ދޭ ހުއްދައާއެކު ކާކުކަން އަންގައިދޭ ލިޔުމެއް ހިފައިގެން އުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވެދާނެ ބައެއް ފަހަރު އައިޑީ ވެރިފައި ކުރަން. އެހެންކަމުން އަޅުގަނޑުމެން އިލްތިމާސްކުރަން މަގުމަތީގައި އުޅޭއިރު އެމީހަކީ ކާކުކަން އެނގޭފަދަ ފޮޓޯ ޖެހި ލިޔުމެއް ހިފައިގެން އުޅެން. އެގޮތުން ލައިސަންސް ނުވަތަ އައިޑީކާޑު ހިފައިގެން އުޅުމަކީ މުހިންމު ކަމެއް،" ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ، ޒަރޫރީ ބޭނުންތަކަށް ނުކުމެ އުޅޭއިރު ފާހުގެ އަސްލު ގެންގުޅުން މުހިންމު ކަމަށާއި، ފާހުގެ ފޮޓޯ އަކީ ފާސްކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ހުއްދަނެތި މަގުތަކުގައި އުޅޭ މީހުންނަށް ފުލުހުން ދެން ނަސޭހަތް ނުދޭނެ ކަމަށާއި، އެ ފަރާތްތަކަށް ޖޫރިމަނާއިން ފެށިގެން ދެން ހުރި ގާނޫނީ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ފައިރޫޝް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ފައިރޫސް ވިދާޅުވީ މާލެ 26 ސަރަހައްދަކަށް ބަހާލައިގެން ކާބޯތަކެތި ގަތުމަށް ފިހާރަތަކަށް ދިއުމުގެ ހުއްދަ ކޮންމެ ގެއަކުން މީހަކަށް ދިނުމުން، ކާބޯތަކެތި ގަތުމަށް ނުކުމެ އުޅޭއިރު އެއްވަގުތެއްގައި މާލޭގައި އުޅޭނީ ގާތްގަނޑަކަށް 625 މީހުން ކަމަށެވެ.