ކުއްލި ޚަބަރު

ކޮވިޑް 19އާ ގުޅިގެން އައިޖީއެމްއެޗް ތެރޭގައި މައްޔިތުންގެ މޫނު ދެއްކުން ހުއްޓާލައިފި

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހޮސްޕިޓަލް ތެރޭގައި މައްޔިތުންގެ މޫނު ދެއްކުން ވަގުތީ ގޮތުން ހުއްޓާލަން އައިޖީއެމްއެޗުން ނިންމައިފިއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން، މީގެ ކުރީގައިނަމަ ގިނަ އަދަދެއްގެ ބަޔަކު މައްޔިތާގެ މޫނު ދެކިލުމަށް ހޮސްޕިޓަލަށް ވެސް އަންނަ ކަމަށެވެ.

ނަމަވެސް ކޮވިޑް 19ގައި މާލެ ސަރަހައްދު މިހާރު އޮތީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެން ފަށާފައިވާ ހާލަތެއްގައި ކަމުން މި ހާލަތުގައި މުޖުތަމައުގައި ބަލިޖެހިފައި ނުވަތަ އެކަން ނޭނގި އަދި ބަލީގެ އަލާމާތްތައް ނުފެނި ގިނަ އަދަދެއްގެ ބަޔަކު ތިބޭނެ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދާ ކަމަށެވެ.

އެގޮތުން މިފަދަ ހާލަތެއްގައި ހޮސްޕިޓަލް ތެރެއަށް ބަލި ވަދެ، ޑޮކްޓަރެއް ނަރުހެއް ނުވަތަ އެނޫންވެސް މުވައްޒަފަކަށް މިބަލި ޖެހިއްޖެނަމަ އެއީ މުޅި މުޖުތަމައުއަށް ނުރައްކާތެރިކަން އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެއް ކަމަށާއި އަދި އެބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ބަޔާންނުކުރެވޭ ވަރުގެ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިއީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލަށް ޖަމާވާ އާންމުންނަށް ވެސް ބަލި ފެތުރިދާނެފަދަ ކަމަކަށްވާތީ އަދި ޖުމްލަ ގޮތެއްގައި މިވަގުތު މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތް ހާލަތަށް ބަލާއިރު ހަމަ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަން އެންމެހައި ރައްޔިތުންވެސް ގަބޫލުފުޅު ކުރައްވާނެއެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މިވަގުތު އޮތް ނުރައްކާ ނާޒުކު ހާލަތުގެ ސަބަބުން މޫނު ބެލުމަށް ހޮސްޕިޓަލުގެ ތެރެއަށް އާންމުން ވަނުމަށް ހުއްދަ ދެވެން ނެތް ކަމަށާއި އަދި ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މައްޔިތާގެ މޫނު ދެކިލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް މައްޔިތާ ދެކިލުމަށް އެދޭ ފަރާޓްތަކުން މާލެ ސިޓީ ކައުންސިލުންނާއި އިސްލާމިކް މިނިސްޓްރީން ސަހަރާގައި އެ އިންތިޒާމުތައް ހަމަޖައްސާ ގޮތަކަށް އަމަލުކުރުމަށް އައިޖީއެމްއެޗުން އެދެއެވެ.