ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ހުއްޓަލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން އަންގާފައި އޮތް ގޮތުންނަމަ އެ މިނިސްޓްރީން ނާންގާހާ ހިނދަކު ރަށްރަށުގައި ނަމާދުގެ ޖަމާއަތް ކުރިއަށް ގެންދެވޭނެ އެވެ. އަދި ކައުންސިލަކުން ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކޮށް އެހެން ނުހެދުމަށް އަންގާފައިވެއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ކޮވިޑް 19އާ ގުޅިގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ސަރުކާރުން ވަކި މުއްދަތަކަށް ލޮކްޑައުންކޮށް އަރާ ފޭބުން މަނާކުރާ ޓޫރިސްޓު ރިސޯޓްތަކާއި ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުން މިމަހުގެ ނިޔަލަށް ކުރިއަށް ނުގެންދިއުމަށް އަންގައިފައެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމައިފައެވެ.
އެހެންކަމުން މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" އަރަބި ބަހުންނާއި ދިވެހި ބަހުން ގޮވުމަށް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ.
އޭގެ އިތުރުން ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ތަރާވީހް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް މިނިސްޓްރީގެ ސާކިއުލާގައި ނަސޭހަތްތެރިވެފައިވެއެވެ.