މިހާތަނަށް ބަލި ފެނުނު މީހުންނަށް ބަލާއިރު މަސްދަތުރުދިއުން ފަދަ ޒަރޫރީ ނޫން ކިތަންމެ ކަމެއް ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މިދިޔަ ބުދަ ދުވަހު މާލޭން ކޮވިޑް 19 އަށް ޕޮސިޓީވްވި އަންހެންމީހާ (ކޭސް 21)ގެ އިތުރުންވެސް މިދިޔަ ތިން ހަތަރު ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެގެން ފެނުނު މީހުންގެ ތެރޭގައިވެސް މަސް ދަތުރު ދިއުމާއި، ގޭގޭގައި އެއްވުން ބޭއްވުމާއި، ފިހާރަތަކަށް ދިޔަ މީހުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުުރުން މަސައްކަތުގެ މާހައުލުން ކޮންޓެކްޓްވި މީހުުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށާއި ގެއިން ބޭރަށް ނުކުންނަން އޮތް އުސޫލުތަކާ ހިލާފުވެފައިވާ ފަރާތްތައްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"އެބަހުރި އިނގޭތޯ އެސެންޝަލް ކަންތައްތައް ނޫން އެހެން ކަންތައްތަކަށް ބޭރަށް ނުކުތުމަށް އަަޅުގަނަޑުމެން ދީފައި އޮތް ލަފައާ ހިލާފަށް ބައެއް ބޭފުޅުން ނޮން އެސެންޝަލް ކަންތައްތަަކަށްވެސް މަގުތަކަށް ނުކުތުމާއި ފިހާރަތަކަށް ދިއުމާއި، މިފަދަ ކަންތައްތައްވެސް ކުރިއަށް ގެންގޮސްފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ، ކޮވިޑް 19 އަށް ޕޮޒިޓިވްވި ގިނަމީހުން ފެނިފައިވަނީ، ފުލޫ ކުލިނިކުތަކަށްދާ މީހުން ގިނަވެގެން ނޫން ކަމަށެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވްވެގެން މިއަދު ފެނުނު ކޭސް ތަކުގެ ތެރެއިން ކޭސް 37 އިން ފެށިގެން ކޭސް 49 އަށް އަދި ކޭސް 51 އިން 52 އަށް، އެ 15 ކޭސް ފެނިފައިވަނީ ކޮންޓެކްޓް ޓްރޭސިން ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.