ކޭސް 21 އާއި ގުޅޭ އެކަކު އަދިވެސް ސައްހަ މައުލޫމާތު ދެމުން ނުދާ ކަމަށް ފާހަގަކުރެވޭ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ޕޮޒިޓިވް ވި ކޭސްތައް ނޫން އެހެން ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ހާއްސަކޮށް 21 ވަނަ ކޭސްއާ ގުޅުން ހުރި ގިނަ ކޮންޓެކްޓް ޓްރޭސިންތައް ނިމިފައިވާ ކަމަށާއި، ނަމަވެސް އެކޭހާ ގުޅުންހުރި މީހަކު ސައްހަ މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"21 ވަނަ ކޭސްއާ ގުޅުންހުރިި ކޮންޓެކްޓް ޓްރޭސިންތަކުގެ ތެރެއިން އެއް ބޭފުޅަކު އަޅުގަނޑުމެންނަށް ހަމަ އެބަ ބެލެވޭ ރަނގަޅު މައުލޫމާތު ފުރިހަމައަށް ދެއްވަމުން ނުގެންދަވާ ކަމަށް." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސުވާލު ކުރެވޭ މީހުން ތެދު އަދި ސައްހަ މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދާ މީހާގެ ފަރާތުން ފުލުހުން މެދުވެރިކޮށް މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެވަރުންވެސް ކުރިއެރުމެއް ނުލިބިއްޖެ ނަމަ އެމީހާގެ މައުލޫމާތު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ އާންމު އާންމު ކުރާނެ ކަމަށެވެ.