ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

ރޭ ފެނުނު ކޭސް 35 އަކީ ވެސް ލިލީގެ ޕޮޒިޓިވްވީ މީހުންނާ ގުޅުން ހުރި މީހެއް: ޑރ. ނަޒްލާ

ރޭ ފެނުނު ކޭސް 35 އަކީ ވެސް ލިލީގެ ޕޮޒިޓިވްވީ މީހުންނާ ގުޅުން ހުރި މީހެއް ކަމަށް މިހާރު ބެލެވިފައިވާ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރޭ ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާ (ކޭސް 35)އަކީ ލިލީ އެންޓަޕްރައިޒަސްގެ ކްލަސްޓާ ކަމަށްވާ ކޭސް 27އާ ގުޅުންހުރި މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ކޭސް 35 އަކީ ލިލީގައި މަސައްކަތްކުރާ މީހެއް ނޫން ކަމަށާއި އޭނާއަކީ ލިލީން ޕޮޒިޓިވްވި މީހުންނާ ގުޅުން އޮތް މީހެއް ކަމަށް މިހާތަނަށް ބެލިބެލުންތަކުން އެނގިފައިވާ ކަަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ރޭގައި ފެނުނު ކޭސް 35. މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުން މި ކޭސް ވެސް އަޅުގަނޑުމެންނަށް ލަފާކުރެވެނީ ކޭސް 27އާ ގުޅުން ހުރި ލިލީގެ ސްޓާފުން ޕޮޒިޓިވްވި ކްލަސްޓާއާ ގުޅުންހުރި މީހުންގެ ތެރޭގައި އެމީހުންނާ ލިންކެއް އޮތް މީހެއް ކަމަށް. އެތަނުގެ ސްޓާފެއް ނޫން އޭނާއަކީ. އެހެން ނަމަވެސް އޭނަ އެމީހުންނާ ގުޅުންހުރި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު މިލިބެނީ. އެއީ ކޭސް 35، ދިވެހި މީހާގެ ކޭސް،" ޑޮކްޓަރު ވިދާޅުވިއެވެ.

މާލެއިން މިއަދުގެ މިހާތަނަށް ޖުމްލަ 16 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ލިލީ އެންޓަޕްރައިޒަސްގައި މަސައްކަތްކުރާ ބަންގުލަދޭޝްއަށް ނިސްބަތްވާ 13 މީހަކު ވެސް ހިމެނެއެވެ. އެމީހުންނަކީ ވެސް މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވި ލިލީގެ މުވައްޒަފު (ކޭސް 27)އާ ގުޅުން އޮތް މީހުންނެވެ.