ކޮވިޑު ޖެހިފައި ވަނިކޮށް މިއަދު ފެނުނު އިންޑިއާ ދެމީހުން ވަނީ އޭސީގެ މަސައްކަތް ކުރަން އެކި ގޭގެޔަށް ގޮސްފައި ކަމަށް ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑަށް މިއަދު ޕޮޒިޓިވްވި އިންޑިއާ ދެމީހުންނަކީ (ކޭސް 50 އަދި ކޭސް 51) އޭސީގެ މަސައްކަތް ކުރުމަށް އެކި ގޭގެއަށް ގޮސް އުޅުނު ބްރައިޓް ބްރަދާސްގައި މަސައްކަތްކުރާ ޓެކްނީޝަނުން ކަމަށެވެ.
އެމީހުންނަކީ މާލެއިން ބައްޔަށް ޕޮޒިޓިވްވި ކޭސް 28އާ ސީދާ ބައްދަލުވެފައިވާ ބައެއް ކަމަށާއި ނަމަވެސް އެމީހުންގެ ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށެވެ.
"ކޭސް 50 އަދި 51 އެއީ ކޭސް 28އާ ގުޅިފައިވާ ދެ މީހުން. އިންޑިއާ ދެ މީހުން. އެމީހުންނަކީ ވެސް އޭސީގެ މަސައްކަތް ކުރަން އެކި ގޭގެއަށް ގޮސް މަސައްކަތް ކުރާ މީހުން. ޓެކްނީޝަނުން އެމީހުންނަކީ. އެހެންވީމަ ކޭސް 28 އާ ގުޅިގެން ވެސް އެފަރާތް ދިޔަ ގޭގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހޯދައިފައިވަނީ. އަދި ބައްދަލުވި މީހުން ވެސް ހޯދައި ސާމްޕަލް ނަގަންޖެހޭ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވީ އިންޑިއާ ދެ މީހުން ކޭސް 28 ދިޔަ ތަންތަން ނޫން އެހެން ތަންތަނަށް ގޮސްފައިވާނަމަ އެތަންތަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.