މާލެއިން ހއ. އުލިގަމަށް ދިޔަ ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އުލިގަމު ހެލްތު ސެންޓަރާއި ހަވާލާދީ އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ވިދާޅުވީ އެރަށު ހެލްތު ސެންޓަރަށާއި އެމީހާއަށްވެސް މިކަން އަންގާފައިވާ ކަމަށެވެ.
މުއާޒު ވިދާޅުވީ އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން ކައުންސިލްގެ ފަރާތުން ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް މުއާޒު ވިދާޅުވިއެވެ.
މިއަދު މެންދުރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިމީހާގެ ފުރަތަމަ ޓެސްޓުން ކޮރޯނާއަށް ޕޮޒިޓިވްވި ކަމަށެވެ. އަދި ކޮވިޑް 19 އަށް ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.
އޭގެ ފަހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ވަނީ އުލިގަމުގައި ހުރި މީހާ ކޮވިޑް 19 އަށް ކުރި ޓެސްޓު ޕޮޒިޓިވްވެފައިވާކަން އާންމު ކޮށްފައެވެ. އަދި އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން މިހާތަނަށް މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވި އެއްވެސް ކޭސް އަކާ މި ކޭސް ގުޅިފައިވޭތޯ ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އުލިގަމުން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހާއާއެކު ރާއްޖެއިިން ޖުމްލަ 52 މީހެއް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.