ހއ. އުލިގަމުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހަކު ފެނި، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެ ރަށް މޮނިޓާ ކުރުމަށް އަންގާފައިވަނީ މިއަދު ކަމަށެވެ.
އެގޮތުން އުލިގަމު މޮނީޓަރިންގެ ހާލަތަށް ގެނެވުނީ މާލެ ލޮކްޑައުން ކުރުމުގެ ކުރިން މާލެއިން އެރަށަށް ދަތުރު ކުރި މީހެއްގެ ކިބައިން ކޮވިޑް 19ގެ އަލާމާތްތައް ފެނުމުން ކަމަށެވެ. އަދި މިހާރު އެމީހާ ހުރީ ހޯމް އައިސޮލޭޝަނުގައި ކަމަށް މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ އެޗްޕީއޭގެ އެންގުން ލިބުމާއެކު، ރަށުތެރެއަށް މީހުން ނިކުމެ އުޅުން މަނާ ކޮށްފައިވާ ކަމަށެވެ. އަދި މޮނީޓަރިންގެ ހާލަތުގައި އަމަލު ކުރުމަށް އެޗްޕީއޭއިން އަންގާފައިވާ ގޮތުގެ މަތިން އެރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ.
އުލިގަމު ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ކައުންސިލުން އަޅަމުން އަންނަ ކަމަށް މުއާޒު ވިދާޅުވިއެވެ. އެގޮތުގެ މަތިން މަގުމައްޗަށް މީހުން ނިކުމެ އުޅޭ މިންވަރު މަދު ކުރުމުގެ ގޮތުން އެ ރަށުގައި ގާއިމްކޮށްފައިވާ ހެލްޕް ޑެސްކުން ރަށުގެ ފިހާރަތަކާއި ގުޅިގެން ގޭގެއަށް މުދާ ޑެލިވާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.
މާލެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ރަށަކަށް މިމަހު 15ގެ ފަހުން ފޭބުމަށްފަހު ރަށަށް ދިޔަ މީހުން 14 ދުވަހަށް އައިސޮލޭޓް ވާން އަންގާފައެވެ.