ދުނިޔެ

ސައުދީގެ ދީލަތި އެހީއަށް ޑަބްލިއުއެޗްއޯއިން ޝުކުރު އަދާކޮށްފި

މުހައްމަދު އައުޒަމް

ބައިނަލްއަގުވާމީ ފެންވަރުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ސައުދީ އަރަބިއްޔާއިން ދީފައިވާ ދީލަތި އެހީއަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ޝުކުރުއަދާކޮށްފިއެވެ.

ސައުދީން ވަނީ ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ފެންވަރުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން 500 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވަނީ ސައުދީގެ ރަސްގެފާނު ސަލްމާންގެ ވިސްނުންފުޅާ އެއްގޮތަށް ޖީ20 ގެ އެހެން މެންބަރުންވެސް މިކަމުގައި އެހީތެރިވެދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ސައުދީން ޑަބްލިއުއެޗްއޯއަށް ދީފައިވާ 500 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރުގެ އެހީ ހަމަޖައްސާފައިވަނީ ކޮވިޑުން ރައްކާތެރި ވުމަށް ކުރާ މަސައްކަތާއި އާ އީޖާދުތަކަށެވެ. ސައުދީ އެހީގެ ތެރެއިން 150 މިލިއަން ޑޮލަރު ބޭނުން ކުރުމަށް ހަމަޖައްސާފައިވަނީ ކޮވިޑާ ދެކޮޅަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތާއި ފަރުވާއެއް ހޯދުމުގެ މަސައްކަތަށެވެ.

ސައުދީ އިން ޑަބްލިއުއެޗްއޯއަށް ދީފައިވާ 500 މިލިއަން ޑޮލަރުގެ ތެރެއިން 200 މިލިއަން ޑޮލަރު ބޭނުން ކުރުމަށް ހަމަޖައްސާފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ޑަބްލިއުއެޗްއޯއިން ހިންގާ ޕްރޮގްރާމްތަކަށެވެ.