ދުނިޔެ

ސޫދާނުގައި 12 މިލިއަން މީހުން ބޭނުންކުރަން ހުރީ އެންމެ ހަތަރު ވެންޓިލޭޓަރު

މުހައްމަދު އައުޒަމް

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، މިވައިރަސް ކޮންޓްރޯލް ނުވެ ސިއްހީ ގޮތުން މިދަނީ ދުވަހަކުވެސް ހީކޮށްފައިނުވާ ދުވަސްތަކެއް ގުނަމުންނެވެ. ފޯރުންތެރިކަން ހުރި މިންވަރަކުން ގިނަ ގައުމުތަކުން އަންނަނީ އެގައުމެއްގެ ރައްޔިތުންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ.

ކޮވިޑް-19 ފެތުރެމުންދާ ބާރުމިނުގައި މިހާރު ހުރިހާ ގައުމުތަކުންވެސް އެގައުމެއްގައި ވައިރަސް ޖެހޭ މީހުންގެތެރެއިން ހާލަތު ގޯސްވާ މީހުންނަށް ފަރުވާދިނުމަށް ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް ފަގީރު ގައުމުތަކުގައި މިކަމަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އެފްރިކާ ބައްރުގެ ދެކުނު ސޫދާންގެ ހާލަތު މިސާލަކަށް ފުދެއެވެ.

ދެކުނު ސޫދާންގައި 12 މިލިއަން މީހުންގެ އާބާދީއަކަށް ބޭނުން ކުރަން ހުރީ ޖުމުލަ ހަތަރު ވެންޓިލޭޓަރެވެ. ކޮންމެ ތިން މިލިއަން މީހަކަށް ވެންޓިލޭޓަރެކެވެ. އިންޓަނޭޝަލަން ރެސްކިއު ކޮމިޓީން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު ދެކުނު ސޫދާންގައި އެގައުމުގެ މުޅި އާބާދީއަށް ހިދުމަތް ކުރަން ހުރީ އެންމެ 24 އައިސީޔޫ އެނދެވެ. ދެކުނު ސޫދާނުން މިހާތަނަށް ހަތަރު މީހުނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދެކުނު އެމެރިކާ ބައްރުގެ ވެނެޒުއޭލާގައިވެސް 23 މިލިއަން މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރުމަށް ހުރީ އެންމެ 84 އައިސީޔޫ އެނދެއެވެ.

ކޮވިޑް-19 ފެތުރި ނުރައްކާވެގެންދާ ހާލަތުގައި ބޭނުން ކުރުމަށް ގިނަގައުމުތަކުގައި ބޭހާއި ރައްކާތެރިވުމަށް ބޭނުންކުރާ އާލާތްތައް ވެސް ވަނީ މަދުވެފައެވެ.

އދ ގެ ސިއްހަތާބެހޭ ޖަމިއްޔާ، (ޑަބްލިއު އެޗް އޯ)އިން ވަނީ ގައުމުތަކުގައި ކޮވިޑް-19 ޖެހޭ ކޮންމެ ފަސް މީހަކުން އެކަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދޭންޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެން ގިނަ މީހުންނަށް ފަރުވާދޭން ޖެހިފައިވަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށްވެސް ވަނީ ބުނެފައެވެ.