މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި ޒަރޫރީ ހިދުމަތެއް ހޯދުމަށް ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ކޮންމެ ތިން ދުވަހަކުން އެއް ދުވަހު މާލޭގެ ކޮންމެ ގެއަކުން ވެސް އެކަކަށް ބޭރަށް ނުކުތުމަށް އެއްގަޑިއިރު ދޭން ނިންމާފައިވާ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ މާލެ ސަރަހައްދަށް 14 ދުވަހުގެ ލޮކްޑައުންގެ ހާލަތު އިއުލާންކޮށްފައެވެ.
ނަމަވެސް ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުންނަން ބޭނުންނަމަ މިހާލަތުގައި ފުލުހުންނަށް އެކަން އަންގައި ހުއްދައެއް ހޯދަން ޖެހެއެވެ. އެގޮތުން ކުރިން ފުލުހުން ހުއްދަ ދޫކުރަމުންއައީ އެކަމަށް އެދި ހުށަހަޅާ ފަރާތަކުން އެދޭ ކަމަކަށް ބެލުމަށްފަހު މާލޭގެ ކޮންމެ ހިސާބަކަށް ވެސް ދިއުމުގެ ހުއްދައެކެވެ.
ނަމަވެސް އެ ނިޒާމަށް ގެނައި ބަދަލުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މާދަމާ އިން ފެށިގެން، ކޮންމެ ތިން ދުވަހަކުން އެއްދުވަހު ކޮންމެ ގެއަކުން ވެސް އެ ބޭރަށް ނުކުމެ ކުރަންޖެހޭ ކަންކަން ކުރުމަށް ގަޑިއެއްހާއިރުގެ ފުރުސަތެއް ދެވޭނެ ކަމަށެވެ.
"މިހާރު މިއޮތް ހާލަތުގައި ގެއިން ނުކުމެ ބޭރުގައި އުޅޭ އުޅުމަށް ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ގެންނަންޖެހޭތީ، ކޮންމެ ތިން ދުވަހަކުން އެއްދުވަހު ކޮންމެ ގެއަކުން ވެސް އެ ބޭރަށް ނުކުމެ ކުރައްވަންޖެހޭ ކަންކަން ކުރުމަށް ގަޑިއެއްހާއިރުގެ ފުރުސަތެއް ދިނުމުގެ ގޮތުން،" އޭސީޕީ ފައިރޫޝް ވިދާޅުވިއެވެ.
އެގޮތަށް ވެސް ނުކުމެވޭނީ ޕޮލިސްގެ ޕާމިޓް ޕޯޓަލް ބޭނުންކޮށްގެން ހުއްދަ ހޯދައިގެންނެވެ. ނަމަވެސް ގެއަކުން ބޭރަށް ދިއުމަށް ހުއްދަ ދޫކުރާނީ ކިތައް މީހުންނަށް ކަމެއް ޕްރެސް ކޮންފަރެންސްގައި ފައިރޫޝް ވިދާޅެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން "ވަން" އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އާންމުގޮތެއްގައި ކޮންމެ ގެއަކަށް ވެސް ހުއްދަ ދެވޭނީ އެކަކަށް ކަމަށެވެ. ނަމަވެސް އެއް ގެއެއްގައި ދެ އާއިލާއެއް ވަކިން އުޅޭނަމަ އެކަމަށް ރިއާޔަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ފައިރޫޟް އިތުރަށް ވިދާޅުވީ، މިގޮތަށް ހެދުމުން މަގުމަތީގައި އުޅޭ މީހުން މަދުވެ އަދި ފިހާރަތަކަށް ވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މިއީ ފުރަތަމަ ފޭސް ކަމަށާއި މި ފޭސްގެ ބޭނުމަކީ ކަންމަތީ ފިހާރައާ ހަމައަށް އާންމު ގޮތެއްގައި ބޭނުންވާ އެއްޗެހި ގަތުމަށް އެއްގަޑިއިރުގެ ވަގުތެއް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ފަހު ފޭސްއެއްގެ ގޮތުގައި ކަންމަތީ ފިހާރައިން އޯޑަރު ނެގޭނެ ގޮތެއް ހަމަޖެއްސުމަށްފަހު، އެ އޯޑަރު ނަގަންދެވޭނެ ގޮތެއް ހަމަޖެއްސުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާދަމާ އިން ފެށިގެން މާލެ 26 ސެކްޓަރަކަށް ބަހާލާނެ ކަމަށެވެ. އަދި މާލެ ބަހާލުމުގައި ވެސް މާލޭގެ އާބާދީއަށާއި ފިހާރަތައް ހުރި ނިސްބަތަށް ބަލައިގެން ފަސޭހައިން މީސްމީހުންނަށް އެބޭނުންވާ އެއްޗެހި ގަތުމަށް ދެވޭނެ ގޮތެއް ފަހިކޮށްދިނުން އިސްކަންދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި މާލެ ބަހާފައިވާ ގޮތް އާންމުކުރާނެ ކަމަށް ވިދާޅުވިއެވެ.