މާލޭ ސަރަހައްދުގެ ރަށަކަށް މިމަހު 15ގެ ފަހުން ފޭބުމަށްފަހު ރަށަށް ދިޔަ މީހުން 14 ދުވަހަށް އައިސޮލޭޓް ވާން އަންގައިފިއެވެ.
ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ، މިމަހުގެ 15 އިން ފެށިގެން މާލެ، ހުޅުމާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން ރަށަކަށް މީހަކު ގޮސްފައިވާނަމަ އެމީހަކު އެރަށަކަށްދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެ މީހަކު ދިރިއުޅޭ ތަނެއްގައި ނުވަތަ އެނޫން ވެސް ތަނެއްގައި އެކަހެރިވުމަށް އަންގާ ކަމަށެވެ.
އޭގެ އިތުރުން މިމަހުގެ 15 އިން ފެށިގެން މާލެ، ހުޅުމާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު ނުވަތަ ތިލަފުއްޓަށް ވައިގެ މަގުން ނުވަތަ ކަނޑުމަގުން އުޅަނދު ފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް އުޅަނދުގައިވާ މީހަކު ފައިބައިފިނަމަ އެމީހަކު ވެސް 14 ދުވަހުގެ މުއްދަތަށް އެމީހަކު ދިރިއުޅޭ ތަނެއްގައި ނުވަތަ އެނޫން ވެސް ތަނެއްގައި އެކަހެރި ވުމަށް ވެސް އަންގާ ކަމަށާއި އަދި އެމީހުން އަމަލުކުރަން ޖެހޭނެ ގޮތް ކައުންސިލްތަކުން ސާފުކުރުމަށް އަންގާ ކަމަށެވެ.
އެ އެންގުމުގައި އިތުރަށް ބުނެފައިވަނީ، އެރައްރަށަށް އެމުއްދަތުގައި ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
މިދިޔަ ބުދަ ދުވަހުން މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުމުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރޭކަމަށް ކަނޑައަޅައި މާލޭގެ އެލާޓް ލެވެލް ވަނީ ރަތަށް މަތިކޮށްފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ މާލެ ސަރަހައްދު ފިޔަވައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް މުޅި ރާއްޖެ ލޮކްޑައުން ކޮށްފައެވެ.