މާލެއިން އިތުރު ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު 15 އަށް އިތުރުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ 28 އަހަރުގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އޭނާއަކީ ޕޮޒިޓިވްވި އެހެން މީހަކާ ގުޅެން އޮތް މީހެއްކަން އަދި އެނގިފައިނުވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
"28 އަހަރުގެ ފިރިހެނެއް. ކޭސް 35 މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް އެބަކުރޭ. އެއްވެސް ކްލަސްޓާއަކާ ގުޅުމެއް އޮތް ކަމެއް އަދި އެސްޓަބްލިޝްކުރެވިފައެއް ނުވޭ." މަބްރޫކު ވިދާޅުވިއެވެ.
މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު 15އަށް އަރާފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 35 އަށް އަރައިފައެވެ. މާލެއިން ކޮވިޑަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވްވި އެ އަންހެން މީހާ (ކޭސް 21)ގެ ތުއްތު ދަރިފުޅު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.