އަލީ ޔާމިން
ކޮވިޑް 19ގެ މިހާލަތު ދެމިގެން ގޮސްފި ނަމަ މާލޭގައި ތަރާވީހު ނަމާދު ކުރަން ޖެހޭނީ ގޭގައި ކަމަށް އިސްލަމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މާލޭގައި މިހާރު އޮތް ލޮކްޑައުންގެ ހާލަތު ދިގުލައިގެން ގޮސްފިނަމަ، ރަމަޟާން މަހު ތަރާވީހު ނަމާދު މިސްކިތުގައި ނުކުރެވޭނެ ކަމަށެވެ. އެގޮތުން އެ ނަމާދު ކުރަން ޖެހޭނީ ގޭގައި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަތޮޅުތެރޭގެ ހާލަތު ގޯސް ނުވާނަމަ އަތޮޅުތެރޭގައި ތަރާވީހު ނަމާދު ޖަމާއަތުގައި ކުރެވޭނެ ކަމަށެވެ.
"މާލެގައި މިހާލަތުގައި ދެމިގެން ގޮސްފި ތަރާވީހު ނަމާދު ޖަމާއަތުގައި ނުކުރެވޭނެ. ގޭގައި ކުރަން ޖެހޭނީ. ދެން އަތޮޅު ތެރޭގައި މިދާގޮތަށް ސްމޫތުކޮށް ގޮސްފިނަމަ އިރާދަކުރެވިއްޔާ ތަރާވީހު ނަމާދު ކުރެވޭނެ. ނަމަވެސް ހާލަތު ބަދަލުވެއްޖެނަމަ އަތޮޅުތެރޭގައިވެސް ތަރާވީހު ނަމާދު ކުރަން ޖެހޭނީ ގޭގައީ،" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ހާލަތަށް ރިއާޔަތްކުރުމަށްފަހު އެއްވެސް ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ޖެހިއްޖެނަމަ އެކަން އަންގާނީ އިސްލާމިކް މިނިސްޓްރީން ކަމަށާއި، އެކަން ކައުންސިލްތަކުން އަމިއްލައަށް ނުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ. މިހާތަނަށް ޖަމާއަތުގައި ނަމާދުކުރުން އިސްލާމިކް މިނިސްޓްރީން މެދުކަނޑާލައިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައެވެ.
މިނިސްޓަރު ވިދާޅުވީ، މިދުވަސްވަރު އަޅުކަންތަކަށް ހާއްސަ އިސްކަމެއްދޭން ޖެހޭ ކަމަށާއި ހަށިރަށްކަލަކަށް ކިޔަންޖެހޭ ދުއާތަކާއި ޒިކުރުތައް ކިއުން އިތުރުކުރަން ޖެހޭ ކަމަށެވެ.