އަލީ ޔާމިން
ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ހުރި ގޮތުން އިތުރު ކަރަންޓީނު ފެސިލިޓީތަކެއް ހުޅުވޭކަށް ނެތް ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނެވޭނީ މިހާރު ހުރި ކަރަންޓީން ފެސިލިޓީތަކުން ޖާގަ ހުސްވާ މިންވަރަށް ބަލާފައި ކަމަށެވެ.
މިވަގުތު ރާއްޖޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ހުރި ގޮތުން އިތުރު ކަރަންޓީން ފެސިލިޓީތަކެއް ހުޅުވޭކަށް ނެތްކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ތިބީ 905 ޑޮކްޓަރުން އަދި 2970 ނަރުހުންނެވެ. އޭގެ ތެރެއިން 55 އިންސައްތަ ހާއްސަކޮށްފައިވަނީ ކޮވިޑް 19އާ ގުޅުންހުރި ކަންކަމަށެވެ.
"ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ހުރި ގޮތުން އިތުރު ކަރަންޓީން ފެސިލިޓީތަކެއް ހުޅުވޭކަށެއް ނެތް. އެހެންނަމަވެސް މިހާރު ކުރި ކަރަންޓީން ފެސިލިޓީތަކުން ކުދިން ދޫކޮށްލަމުންދާ ވަރަކަށް އެހެން ގައުމުތަކުން މީހުން ގެނެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.
ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް ހަމަކޮށްފައިވާ 150 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް މިހާރު ވަނީ ނަގައިފައެވެ. މަބްރޫކް ވިދާޅުވީ އެމީހުންގެ ސާމްޕަލުން ނެގެޓިވްވެއްޖެ ނަމަ އެ އެންމެންވެސް ދޫކޮށްލާނެ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އަންނަ އެންމެން 14 ދުވަހަށް ކަރަންޓީން ކުރުމަށް މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ނިންމައިފައެވެ.