އަލީ ޔާމިން
މިހާރު ފެންނަމުން މިދަނީ ކުރީން ބަލި ޖެހި ނުފެނި ތިބި ބައެއް ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ، ބަލި ޖެހި، ރަނގަޅުވެފައި ތިބި ބަޔަކު މުޖުތަމައުގެ ތެރޭގައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން ކޮންޓެކްޓް ޓްރޭސިން ހަދާއިރު އެކަމަށް ވިސްނައިގެން، ސާމްޕަލް ނެގުމުގައި ބައެއް މީހުންނަށް ކުރިން ބަލި ޖެހިފައިވޭތޯ ބަލަން އެންޓިބޮޑީ ޓެސްޓު ހެދުމަށް ވިސްނަވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ސާމްޕަލް ނެގުމުގައި ބައެއް ކަހަލަ ބޭފުޅުންގެ އެބަ ވިސްނަން، އެއީ ކުރިން ބަލި ޖެހިފައި ވޭތޯ ބަލަން ސިރެލޮޖީ ޓެސްޓެއް އަދި އެންޓިބޮޑީ ޓެސްޓެއް ވެސް ހެދުމަށް. އެހެން ނަމަވެސް އެއީ ކޭސް ބައި ކޭސް ބަލާފައި ނިންމޭ ނިންމުމަކަށް ވާނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ބަލި ޖެހުމަށްފަހު އެއްވެސް އަލާމާތެއް ނުފެނިވެސް ރަނގަޅުވެފައި ހުރެދާނެ ކަމަށެވެ. އަދި ބަލި ޖެހޭ މީހުންގެ 80 އިންސައްތަ މީހުންގެ ފަރާތުން ފެންނަނީ ވަރަށް ކުދި އަލާމާތްތައް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 34 މީހަކަށް ބަލި ޖެހިފައި ވާއިރު، ހަމައެކަނި މާލެއިން 14 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ބިދޭސީއަކުވެސް ހިމެނެއެވެ.