ކުއްލި ޚަބަރު

ކޮވިޑް ޖެހޭ މީހުން ދެގުނައަށް ތިން ގުނައަށް އަރަމުން ނުދާނަމަ އެހާ ގޯހެކޭ ނުބުނާނަން: ޑރ. އަފްޒަލް

އަލީ ޔާމިން

ކޮވިޑް ޖެހޭ މީހުން ދެގުނައަށް ތިން ގުނައަށް އަރަމުން ނުދާނަމަ އެހާ ގޯހެކޭ ނުބުނާނެ ކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ، އަފްޒަލް ވިދާޅުވީ، މިހާރު ބަލި ޖެހޭ މީހުންގެ ރޭޓަށް ބަލާއިރު ހުރީ ވަރަށް ސްޓޭބަލްކޮށް ކަމަށެވެ. އަދި ލޮކްޑައުންގެ މުއްދަތުގައި އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކޮށްފިނަމަ ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރެވޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފުރަތަމަ ދުވަސްކޮޅު ބަލި ޖެހޭ މީހުންގެ އަަދަދު އިތުރުވި ނަމަވެސް ކޮވިޑް ޖެހޭ މީހުން ދެގުނައަށް ތިން ގުނައަށް އަރަމުން ނުދާނަމަ އެހާ ގޯހެކޭ ނުބުނާނެ ކަމަށެވެ

"އެކަށީގެންވޭ ފުރަތަމަ ދުވަސްކޮޅު ކޭސްތައް އިތުރުވުން. އެހެންނަމަވެސް އޭގެ ޑަބަލިން އެފެކްޓަކާ ހަމައަށް ނާންނަންޏާ އެންމެ ވޯސްޓް ކޭސް ސިނާރިއޯއެކޭ ނުބުނާނަން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ އަފްޒަލް ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުން 14 ދުވަސް ހަމަކޮށްފައި ޓެސްޓްކޮށް ނެގެޓިވްވެގެން އަންނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް އެއިން މީހެއްގެ ފަރާތުންވެސް ބަލި ފެތުރުދާނެ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މާލެއިން މިހާތަނަށް ވަނީ 14 މީހަކަށް ކޮވިޑް 19 ޖެހިފައެވެ.