ކުއްލި ޚަބަރު

މިހާތަނަށް ކޮވިޑު ޖެހުނު މީހުންނާ ބައްދަލުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް އެބަތިބި: މަބްރޫކް

އަލީ ޔާމިން

މިހާތަނަށް ކޮވިޑް 19 ޖެހުނު މީހުންނާ ބައްދަލުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް އެބަތިބި ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ނުހިމެނޭ ކަމަށެވެ. ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ތިބި ކަމަށް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި، މާބަނޑު މީހެއްވެސް ހިމެނޭ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ މިހާތަނަށް މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ މައުލޫމާތު އާންމު ކުރައްވައިފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކޮވިޑް 19 އަށް ޕޮޒިޓިވްވި އަންހެން މީހާއަކީ 35 އަހަރުގެ އަންހެނެއް ކަމަށާއި، ދެން ބައްޔަށް ޕޮޒިޓިވްވީ އެ އަންހެން މީހާގެ ދެ އަހަރުގެ ދަރިކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެ އަންހެން މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ މީހަކު ހޯދިފައިވާ ކަމަށާއި އެއީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 23 ވަނަ މީހާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމީހާއަކީ 42 އަހަރުގެ އަންހެނެއް ކަމަށާއި އެމީހާއާ އެކުގައި އެމީހާގެ 46 އަހަރުގެ ފިރިމީހާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެ ދެމަފިރިންގެ 15 އަހަރުގެ އަންހެން ދަރިއެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކޭސް 23، 24 އަދި 25 އާ ޑައިރެކްޓު ކޮންޓެކްޓުވި މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ 37 އަހަރުގެ އަންހެނެކެވެ. މާލެއިން ކޮވިޑަށް ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާގެ ކޭސްއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން އަންހެނުންނާއި އެއް ފިރިހެނަކާއި އަދި ކުޑަ ދެ ކުދިން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ،

މިހާތަނަށް މާލެއިން ފެނުނު ކޭސްތަކުގެ ތެރޭގައި މި މަހުގެ 15 ވަނަ ދުވަހު ޕޮޒިޓިވްވި މީހާއާ އެއްވެސް ގުޅުމެއް ނެތް ކޭސްތައް ވެސް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން އިއްޔެ 37 އަހަރުގެ އަންހެނެއް މާލޭގެ ފްލޫ ކްލިނިކަށް ގޮސް ދެއްކުމުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާގެ ކޮންޓެކްޓު ޓްރޭސިން ތެރޭގައި 33 އަހަރުގެ އިތުރު އަންހެނަކާއި 37 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެއް ހިމެނޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ކްލަސްޓާ ފެށިފައިވަނީ ކޭސް ނަންބަރު 27 އިން ކަމަށާއި އެމީހާ ޑައިރެކްޓު ކޮންޓެކްޓުވި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި މީހާއަކީ ކޭސް ނަންބަރު 30 ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ކްލަސްޓާގައި ދެން ޕޮޒިޓިވްވި 37 އަހަރުގެ ފިރިހެން މީހާއަކީ ކޭސް ނަންބަރު 29އެވެ. 24 އަހަރުގެ އަންހެން މީހާއަކީ ކޭސް ނަންބަރު 34އެވެ. މި ކްލަސްޓާގައި ހިމެނޭ 33 އަހަރުގެ އަންހެން މީހާގެ ފިރިމީހާވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާގެ އުމުރަކީ 32 އަހަރު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ތިންވަނަ ކްލަސްޓާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކްލަސްޓާއަކީ ވެސް އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ގުޅޭ ކްލަސްޓާއެއް ކަމަށެވެ. އެގޮތުން އިއްޔެ މި ބައްޔަށް 47 އަހަރުގެ ފިރިހެނެއް ޕޮޒިޓިވް ވެފައިވާއިރު އެމީހާގެ 37 އަހަރުގެ އަނބިމީހާވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ދެމަފިރިންގެ އަށް އަހަރުގެ ކުއްޖެއްވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މަބްރޫކް ވިދާޅުވީ، މާލެއިން ބަލި ޖެހުނު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.