ހަށި ރައްކަލަށް ކިޔަން ޖެހޭ ދުއާތައް ކިޔުއްވުމަށާއި އަޅުކަމަށް އިސްކަން ދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިލްތިމާސްކުރައްވައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މި ދަނޑިވަޅުގައި އެ ދުއާތައް ކިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ހަށި ރައްކަލަށް ކިޔަންޖެހޭ ދުއާތަކެއް އެބަހުރި. ހެނދުނާއި ހަވީރު ކިޔަންޖެހޭ ދުއާތަކެއް އެބަހުރި. އެ ދުއާތައް ކިޔުން އެއީ މިދަނޑިވަޅުގައި ވަރަށް މުހިންމު ކަންތައްތަކެއް. ހާއްސަކޮށް އަޅުގަނޑުމެން ގޭގައި ތިބޭއިރު އެބަޖެހޭ ކީރިތި ގުރުއާން ކިޔެވުމަށް ސަމާލުކަންދޭން، ފަރުޟު ފަސް ނަމާދު އެބަޖެހޭ ގޭގައި ތިބޭ އިރުވެސް ބަރާބަރަށް އަދާކުރެވޭތޯ ބަލަން. ޒިކުރު ކުރަން އެބަޖެހޭ، އިސްތިޣުފާރު ކުރަން އެބަޖެހޭ، ހެނދުނާއި ހަވީރު ކިޔަންޖެހޭ ދުއާތައް ކިޔަން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ގޭގައި އުޅޭއިރު އަނބިމީހާ ކުރާ މަސައްކަތްތަކުގައި އަތްފޯރުކޮށްދީ، އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި ދަރިންނަށް އަޅާލަން ވެސް ޖެހޭ ކަމަށެވެ. އަދި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަގުތު އެމީހެއްގެ ހުރި އިންސާނިއްޔަތުކަމާއި އެމީހެއްގެ ހުރި ރަނގަޅު ކަންތައް އެހެން މީހުންނަށް އިހުސާސްކޮށްދޭންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.