މިއީ އިމްތިހާނުގެ ހާލަތެއް، މިއީ އެކަކު އަނެކަކަށް އެހީތެރިކަމުގެ އަތް ދިއްކޮށްލަން ޖެހޭ ވަގުތު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއީ ވަރަށް ނާޒުކު ހާލަތެއް ކަމަށާއި މާތްﷲ އިންސާނުން އެކި ގޮތްގޮތުން އިމްތިހާނުކުރައްވާނެ ކަމަށެވެ.
"މި ހާލަތަކީ އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތެއް. މި ހާލަތުގައި އަޅުގަނޑުމެން އެބަޖެހޭ ތިމާގެ އަހާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން. ވައިރަސް ޖެހޭއިރު ނުބަލާނެ އެއީ ކާކުތޯއެއް، އެއީ ކޮން ރަށެއްގެ މީހެއްތޯއެއް، ކޮން ކުލައެއްގެ މީހެއްތޯއެއް. ކަމާބެހޭ ފަރާތްތަކުން އެ ދޭ ލަފަޔާއި އިރުޝާދުގައި ނުހިފައި ބޭނުންހާ ގޮތަކަށް އުޅޭ ކަމަށްވަންޏާ، ވައިރަސް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު،" މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ވާން ހުރި ކަމެއް ވާނެއޭ ކިޔާފައި، ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ ކަމަށްވަންޏާ އެމީހަކަށް ބަލީގެ އަސަރުކުރުމަކީ އެއީ ވަރަށް ގާތް ކަމެއް ކަމަށާއި ރައްކާތެރިވާން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
މުޖުތުމައު ތެރޭގައި ބަލި ފެތުރެން ފެށުމާ ގުޅިގެން ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރަށްރަށަށް އަރައި ފޭބުން މަނާކޮށް، މުޅި ރާއްޖެ ވަނީ ލޮކްޑައުންކޮށްފައެވެ.