ޖަމާއަތުގެ ނަމާދު މެދުކަނޑާލަން ޖެހިއްޖެ ނަމަ އެކަން އަންގާނީ އިސްލާމިކް މިނިސްޓްރީން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ބައެއް ކައުންސިލުތަކުން އަމިއްލައަށް ނަމާދުގެ ޖަމާއަތް މެދުކަނޑާލަން ނިންމާފައި، މިސްކިތްތައް ބަންދުކުރާ މައްސަލަތައް ހުށަހަޅާ ކަމަށެވެ.
"ހާލަތަށް ރިއާޔަތްކޮށްފައި އަންނަ ބަދަލެއް މިއީ. ބައެއް ކައުންސިލުތަކުން އަމިއްލައަށް ނަމާދުގެ ޖަމާއަތް މެދުކަނޑާލަން ނިންމާފައި، މިސްކިތްތައް ބަންދުކުރާ ވާހަކަ އަޅުގަނޑުމެންނާ ހިސާބަށް އެބައާދޭ. އެހެންވީމާ ޖަމާއަތުގައި ނަމާދު މެދުކަނޑާލަން ވެއްޖެއްޔާ މިނިސްޓްރީން އެރަށަކަށް އަންގަމުން ގެންދާނެ. މިނިސްޓްރީން ނާންގާހާ ހިނދަކު އެއްވެސް ރަށެއްގައި، އެއްވެސް ކައުންސިލަކުން ޖަމާއަތް މެދުކަނޑާލައި، މިސްކިތް ބަންދުކޮށް އެހެން ހެދުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ރަށްރަށަށް އަރައި ފޭބުން މަނާކުރުމުން އެ ރަށްރަށުގައި ވެސް މިސްކިތުގައި ޖަމާއަތް ހެދުން މަނާކުރެވިފައި އޮތް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވިފައި އޮންނަ ކަމަށާއި އެކަމާ ގުޅިގެން ހުރިހާ ރަށަކަށް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިވަގުތަށް މަނާކުރެވިފައި މިއޮތީ މާލެ ސަރަހައްދާއި އައްޑޫ ސިޓީއާއި ފުވައްމުލައް. އަދި އިތުރު ރަށެއް މިހާލަތަށް އަތުވެއްޖެ ކަމަށް ވަނީނަމަ، އެ ސަރަހައްދެއްގައި އެ އޮންނަ ޓާސްކްފޯހުން އަޅުގަނޑުމެންނަށް ނުރައްކާ އޮތް ހާލަތު އަޅުގަނޑުމެންނާ ހިއްސާކުރީމަ އަޅުގަނޑުމެން އެޗްޕީއޭ މަޝްވަރާކުރުމަށްފަހު އެބޭފުޅުންގެ ލަފާގެ މަތިން އެ ރަށެއްގައި މިސްކިތުގައި ޖަމާއަތާއި ހުކުރު ނަމާދު މެދުކަނޑާލަން އަޅުގަނޑުމެން މި ލަފާދެނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށެވެ.