ކުއްލި ޚަބަރު

މާލެއާއި އައްޑޫ އަދި ފުވައްމުލައް ނޫން ރަށްރަށުގައި މިވަގުތު ޖަމާއަތް ހަދައިގެން ނަމާދުކުރެވޭނެ: އިސްލާމިކް މިނިސްޓަރު

މާލެއާއި އައްޑޫ އަދި ފުވައްމުލައް ސިޓީ ނޫން ރަށްރަށުގައި މިވަގުތު ޖަމާއަތް ހަދައިގެން ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރުން މިވަގުތަށް މަނާކުރެވިފައި މިއޮތީ މާލެ ސަރަހައްދާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ކަމަށެވެ.

"އަޅުގަނޑުމެން މި ފިޔަވަޅުތައް އަޅަމުން މި އަންނަނީ އެޗްޕީއޭގެ ލަފާގެ މަތިން ޑޮކްޓަރުން ދެއްވާ ލަފަޔަށް ބުރަވެ، އަޅުގަނޑުމެން އިލްމުވެރިންނާ މަޝްވަރާކުރުމަށްފަހު. އަތޮޅުތެރޭގެ ހުރިހާ ރަށަކުން މީހުން އަރައި ފޭބުން މަނާކުރެވުމާ ވިދިގެން ބައެއް ރަށްރަށަށް އޮޅުން އަރާ ގޮތެއްވި. އެބޭފުޅުންނަށް ފާހަގަކުރެވުނީ އެ ރަށްރަށުގައި ވެސް މިސްކިތުގައި ޖަމާއަތް ހެދުން މިއޮތީ މަނާކުރެވިފައޭ. އަޅުގަނޑުމެން އެއާ ވިދިގެން ހުރިހާ ރަށްރަށަކަށް ސާކިއުލާއެއް ވާނީ ފޮނުވާފައި. އަޅުގަނޑުމެން މިވަގުތަށް މަނާކުރެވިފައި މިއޮތީ މާލެ ސަރަހައްދާއި އައްޑޫ ސިޓީއާއި ފުވައްމުލައް،" މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ އިތުރު ރަށެއް މިހާލަތަށް އަތުވެއްޖެ ކަމަށް ވަނީނަމަ، އެ ސަރަހައްދެއްގައި އެ އޮންނަ ޓާސްކްފޯހުން ނުރައްކަ އޮތް ހާލަތު ހިއްސާކުރީމަ އެޗްޕީއޭގެ ލަފާގެ މަތިން އެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އަންގާނެ ކަމަށާއި އެއީ ހާލަތަށް ރިއާޔަތްކޮށްފައި އަންނަ ބަދަލެއް ކަމަށެވެ.

މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށެވެ.