ކޮވިޑް 19އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަށް އަހަރުގެ އަންހެން ކުއްޖަކު ހިމެނޭ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މާލެއިން ބަލި ފެތުރިފައިވަނީ ތިން ކުރިއަކުން ކަމަށާއި ތިންވަނަ ކުރީގައި އަށް އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
"ތިންވަނަ ކްލަސްޓާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަން މިއޮތީ އޭޕްރީލް 17ވީ ދުވަހު މި ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު 47 އަހަރުގެ ފިރިހެނެއް. މި މީހާގެ އަނބިމީހާ (37 އަހަރުގެ އަންހެނެއް) ވަނީ މި ބައްޔަށް ޕޮޒިޓިވްވިކަން އަޅުގަނޑުމެންނަށް އެނގިފައި. އަދި މި ދެމަފިރިންގެ އަށް އަހަރުގެ ކުއްޖެއް މިވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ފުރަތަމަ ކުރި ފެށުނީ މިމަހުގެ 15 ދުވަހު ޕޮޒިޓިވްވި އަންހެން މީހާގެ ފަރާތުން ކަމަށެވެ. އަދި 35 އަހަރުގެ އެ އަންހެން މީހާގެ ދެ އަހަރުގެ އަންހެން ދަރި ވެސް އެ ކްލަސްޓާގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަދި މީގެ އިތުރުން އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހެއް އަޅުގަނޑުމެންނަށް ވަނީ ހޯދިފައި، އެއީ ކޭސް 23. ކޭސް 23 އަކީ 42 އަހަރުގެ އަންހެނެއް. މި އަންހެން މީހާގެ ފިރިމީހާ، 46 އަހަރުގެ ފިރިހެނެއް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި. އަދި އެ ދެމަފިރިންގެ އަންހެން ދަރިއެއް، 15 އަހަރުގެ އަންހެން ކުއްޖެއް، އެއީ ކޭސް 25 ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި. ފިރިމީހާއަކީ ކޭސް 24. އަދި މި ކޭސްތަކާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވެފައިވާ އިތުރު އަންހެން މީހެއް، ކޭސް 26، 37 އަހަރުގެ އަންހެނެއް ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި. މިގޮތުން ބަލާއިރު، މި ފުރަތަމަ ކްލަސްޓާގައި މިވަގުތު ޕޮޒިޓިވްވެފައި ތިބިކަން އަޅުގަނޑުމެންނަށް އެނގެން މިއޮތީ ތިން އަންހެން ބޭފުޅުން، އެއް ފިރިހެނެއް އަދި ކުޑަ ދެކުދިން،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ދެވަނަ ކުރި ފެށުނީ މިމަހުގެ 17 ވަނަ ދުވަހު ފުލޫ ކުލިނިކަށް ގޮސް ޓެސްޓުކުރި 37 އަހަރުގެ އަންހެނެއް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށާއި އެމީހާގެ ދެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"މި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ 33 އަހަރުގެ އަންހެނެއް ޑައިރެކްޓް ކޮންޓެކްޓެއް އަދި 24 އަހަރުގެ އަންހެނެއް ޑައިރެކްޓް ކޮންޓެކްޓެއް. މި ކްލަސްޓާ ފެށިފައިމިވަނީ ކޭސް 27 އަދި އޭނާއާ ބައްދަލުވި އަންހެން މީހާ ކޭސް 30، އޭނާއާ ދެން ބައްދަލުވި ފިރިހެން މީހާ 37 އަހަރުގެ ފިރިހެނެއް ކޭސް 29 އަދި ދެން ބައްދަލުވީ 24 އަހަރުގެ އަނެހެން މީހާ ކޭސް 34. ހަމަ މި ކްލަސްޓާގައި މި ހިމެނޭ ކޭސް 30. 33 އަހަރުގެ އަންހެން މީހާގެ ފިރިމީހާ (32 އަހަރުގެ ފިރިހެނެއް) އެއީ ކޭސް 32 ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި." އޭނާ ވިދާޅުވިއެވެ.