މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ނެތް ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 30 އާއި 40ގައި އުމުރުތައް ހުރިމީހުން ކަމަށާއި އޭގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.
"މީގެ ތެރޭގައި ހިމެނޭ އެއް އަންހެނަކީ މިވަގުތު މާބަނޑު އަންހެނެއް. އެމީހާގެ ހާލު ދަނީ ވަރަށް ގާތުން ބެލެމުން. އުމުރުފުރާއަށް ބަލާއިރު، މީގެ ތެރޭގައި މި ހިމެނެނީ 40 އަދި 30ގައި އުމުރުތައް ހުރި މީހުން ގިނައިން. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ނެތުން އެއީ އަޅުގަނޑުމެންމިވަގުތު މީގެން ފެންނަން އޮތް ކަމެއް،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މާލޭގައި ބަލި ފެތުރިފައިވަނީ ތިން ކުރިޔަކުން ކަމަށާއި އެގޮތުން ފުރަތަމަ ކުރި ފެށުނީ މިމަހުގެ 15 ދުވަހު ޕޮޒިޓިވްވި އަންހެން މީހާގެ ފަރާތުން ކަމަށެވެ. އަދި 35 އަހަރުގެ އެ އަންހެން މީހާގެ ދެ އަހަރުގެ އަންހެން ދަރި ވެސް އެ ކްލަސްޓާގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަދި މީގެ އިތުރުން އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހެއް އަޅުގަނޑުމެންނަށް ވަނީ ހޯދިފައި، އެއީ ކޭސް 23. ކޭސް 23 އަކީ 42 އަހަރުގެ އަންހެނެއް. މި އަންހެން މީހާގެ ފިރިމީހާ، 46 އަހަރުގެ ފިރިހެނެއް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި. އަދި އެ ދެމަފިރިންގެ އަންހެން ދަރިއެއް، 15 އަހަރުގެ އަންހެން ކުއްޖެއް، އެއީ ކޭސް 25 ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި. ފިރިމީހާއަކީ ކޭސް 24. އަދި މި ކޭސްތަކާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވެފައިވާ އިތުރު އަންހެން މީހެއް، ކޭސް 26، 37 އަހަރުގެ އަންހެނެއް ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި. މިގޮތުން ބަލާއިރު، މި ފުރަތަމަ ކްލަސްޓާގައި މިވަގުތު ޕޮޒިޓިވްވެފައި ތިބިކަން އަޅުގަނޑުމެންނަށް އެނގެން މިއޮތީ ތިން އަންހެން ބޭފުޅުން، އެއް ފިރިހެނެއް އަދި ކުޑަ ދެކުދިން،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ދެވަނަ ކުރި ފެށުނީ މިމަހުގެ 17 ވަނަ ދުވަހު ފުލޫ ކުލިނިކަށް ގޮސް ޓެސްޓުކުރި 37 އަހަރުގެ އަންހެނެއް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށާއި އެމީހާގެ ދެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"މި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ 33 އަހަރުގެ އަންހެނެއް ޑައިރެކްޓް ކޮންޓެކްޓެއް އަދި 24 އަހަރުގެ އަންހެނެއް ޑައިރެކްޓް ކޮންޓެކްޓެއް. މި ކްލަސްޓާ ފެށިފައިމިވަނީ ކޭސް 27 އަދި އޭނާއާ ބައްދަލުވި އަންހެން މީހާ ކޭސް 30، އޭނާއާ ދެން ބައްދަލުވި ފިރިހެން މީހާ 37 އަހަރުގެ ފިރިހެނެއް ކޭސް 29 އަދި ދެން ބައްދަލުވީ 24 އަހަރުގެ އަނެހެން މީހާ ކޭސް 34. ހަމަ މި ކްލަސްޓާގައި މި ހިމެނޭ ކޭސް 30. 33 އަހަރުގެ އަންހެން މީހާގެ ފިރިމީހާ (32 އަހަރުގެ ފިރިހެނެއް) އެއީ ކޭސް 32 ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ތިންވަނަ ކުރި ވެސް ފެށުނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށާއި އެ ކުރި ފެށުނީ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު 47 އަހަރުގެ ފިރިހެނެއްގެ ފަރާތުން ކަމަށެވެ. އަދި އޭނާގެ ފިރިމީހާއާއި އަށް އަހަރުގެ ކުއްޖެއް ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.