ބަންގްލަދޭޝުން އަންނަ އަސްކަރީ މަތިންދާބޯޓުގައި ދިހަ މީހުންގެ މެޑިކަލް ޓީމެއް އަންނާނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އެ އަސްކަރީ މަތިންދާބޯޓުން ނޭޕާލާއި ބަންގުލަދޭޝްގައި ކިޔަވަމުން އަންނަ ދަރިވަރުން ވެސް އަންނާނެ ކަމަށެވެ.
"ބަންގުލަދޭޝުން ރާއްޖެއާ ދެކެވިފައިވާ ވާހަކަތަކުގެ ތެރޭގައި އެހީތެރިވުމުގެ ގޮތުން މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވަން ވަނީ ނިންމާފައި. މި ޓީމުގައި ދިހަ މެޑިކަލް ޕްރޮފެޝަނަލުން ރާއްޖެ އަންނާނެ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެ ފުލައިޓުން ނޭޕާލުގައި ކިޔަވަމުން އަންނަ 18 ދަރިވަރުން ރާއްޖެ އަންނާނެ ކަމަށާއި އޭގެ ތެރެއިން 17 ދަރިވަރުންނަކީ ކަތަމަންޑޫ އެއާޕޯޓަށް އައުމަށްފަހު ފުލައިޓު ކެންސަލްވުމާ ގުޅިގެން ނުފުރި ތިބި ކުދިން ކަމަށެވެ.
ސަރުކާރުން އަންނަނީ ކޮވިޑް 19އާ ގުޅިގެން ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރުން ވަނީ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ތިބި ބައެއް ދިވެހިން ވެސް ރާއްޖެ ގެނެސްފައެވެ.